ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް އޭނާގެ އަމިއްލަ އޮފީސް ތެރެއަށް ވައްދައި ތަޅުލައި، ރަހީނުކުރުމުގެ އަމަލެއް އެކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން ކޮށްފައިވާ ކަމުގެ ތުހުމަތުކޮށް، ޝަހީބްގެ ފަރާތުން މައްސަލަ ފުލުހަށް ހުށައަޅައިފިއެވެ.
އެނގިފައިވާ ގޮތުގައި ސޮފްވާން ވަނީ ޝަހީބްގެ އަމިއްލަ އޮފީސްތެރޭގައި އޭނާއަށް ބައެއް ކަންކަން ކުރުމަށް އަންގާފައެވެ. ނަމަވެސް ރަހީނުކުރުމުގެ އަމަލެއް ހިންގާފައިނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ޝަހީބް ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިކަން ހިނގާފައިވަނީ އިއްޔެ ކޮމިޝަނުގައި އޭނާ ބާއްވަން އުޅުނު މީޓިންގ އެއް ނުފެށެނީސް، ސޮފްވާން އޭނާއަށް ގުޅައި އޮފީހަށް ވަޑައިގަތުމަށް އެދުމުން ވަޑައިގެންނެވުމުންނެވެ.
ޝަހީބް ބުނެފައިވަނީ އޭނާ އޮފީހަށް ދިޔައިރު ބޯދިގު މީހަކުވެސް އެތާހުރިކަން ފާހަގަ ކުރެވުނު ކަމަށާއި ނަމަވެސް އެކަމަށް ފަރުވާލެއް ނުދީ އޮފީހަށް ވަދެ ސޮފްވާނާ ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް އިއްޔެގެ އެ ބައްދަލުވުމުގައި ސޮފްވާންގެ ފަރާތުން ފެނުނީ ބިރު ދެއްކުމުގެ އަމަލުތައް ކަމަށް ޝަހީބް ބުނެފައިވެއެވެ.
އަދި ވަކި ކަންތައްތަކެއް ކުރުމަށް އޭނާއަށް ސޮފްވާން މަޖުބޫރުކުރުވި ކަމަށް ވެސް ޝަހީބް މައުލޫމާތު ދެމުން ހާމަކޮށްފައިވެއެވެ. ސޮފްވާން މަޖުބޫރުކުރުވި ކަންތައްތަކުގެ ތެރޭގައި ބްރޯޑްކޮމްގެ ރައީސްގެ މަގާމުން ވަގުތުން އިސްތިއުފާ ދިނުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޮފީސް ތެރޭގައި ތަޅުލުމަށްފަހު ކިތަންމެ އިރެއްވިޔަސް ނުނެރޭނެ ކަމަށް ސޮފްވާން ބުނި ކަމަށް ޝަހީމް ތުހުމަތުކުރެއެވެ. އެކަމުގެ ތެދު ދޮގެއް ބަލާލުމަށް އެހުމުން ސޮފްވާން ދިން ޖަވާބަކީ ފުލުހުންނާ ސުވާލު ކުރުން ކަމަށް ޚަބަރު ލިބެއެވެ.