Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އެމްއެމްޕީއާރްސީ ކޮރަޕްޝަން ހިނގައި ދިޔަ ގޮތް ރައީސް ޔާމީނަށް އެނގޭ: ތަހުގީގު ރިޕޯޓު

ދިވެހި ރާއްޖޭގެ ތާރީޚުގައި ހިނގާދިޔަ އެންމެ ބޮޑު ކޮރަޕްޝަން ހިނގާފައިވަނީ ރައީސް ޔާމީނަށް އެނގިގެން ކަމަށް ބޭރުގެ ނޫސް އޭޖެންސީ "އަލްޖަޒީރާ" އިން މިއަދު ހާމަކޮށްފިއެވެ.

އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓު(އޯސީސީއާރްޕީ) އިން އާންމުކޮށްފައިވާ ތަހުގީގީ ރިޕޯޓަކަށް ބިނާކޮށް އަލްޖަޒީރާ އިން މިއަދު އާންމުކުރި ރިޕޯޓުގައި، 2016 ވަނަ އަހަރު އެ ނޫހުން އުފެއްދި "ސްޓީލިން ޕެރެޑައިސް" ޑޮކިއުމެންޓްރީގައި ހާމަކޮށްފައިނުވާ ބައެއް މައުލޫމާތު ހާމަކޮށްފައިވެއވެެ.

އެގޮތުން އެމްއެމްޕީއާރްސީ ކޮރަޕްޝަނަކީ ރައީސް ޔާމީނަށް އެކަމުގެ މައުލޫމާތު ހިއްސާ ނުކޮށް ހިނގާފައިވާ ކޮރަޕްޝަނެއް ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވި ނަމަވެސް، އަދީބުގެ ފޯނަށް ރައީސް ޔާމީން އަމިއްލައަށް، 2014 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ނުއަގުގައި ވިއްކާފައިވާ އއ. މަތިވެރި ފިނޮޅާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ކޮށްފައިވާ މެސެޖެއް ފެނިފައިވާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ރައީސް ޔާމީން ފޮނުވި މެސެޖަށް އަދީބު 7 މިނަޓު ފަހުން ޖަވާބުދާރީ ވެފައިވާ ކަމަށާއި ޖަވާބުދާރީ ވަމުން އަދީބު ބުނެފައިވަނީ "ޓުޑޭ ވިލް ހޭންޑް އޯވާ ސާ، ސޮރީ ފޯ ދަ ޑިލޭ" ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން އެ ކޮރަޕްޝަން ހިނގާފައިވަނީ ރައީސް ޔާމީނަށް އެނގިގެން ކަން ސާފުވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ގާނޫނުގައި ފިޝަރީޒް މިނިސްޓްރީއާ ފަޅު ރަށްތައް ހަވާލުކޮށްފައިވި ނަމަވެސް އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު އެބާރު ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެނެސްފައިވަނީ ރައީސް ޔާމީން ދިނުމުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ނަން ނުޖެހުމަށް އޯސީސީއާރްޕީ އާ ވާހަކަ ދެއްކި ސަރުކާރުގެ އޮފިޝަލަކު ވަނީ ވިއްކާފައިވާ ރަށްތަކުގެ 90 އިންސައްތަ އަކީ ސީދާ އަދީބު އަމިއްލައަށް ރައިސް އޮފީހަށް ހުއްދަ ހޯދަން ފޮނުވައިގެން ވިއްކި ރަށްތައް ކަމަށް ބުނެފައިވާ ކަމަށް މި ތަހުގީގީ ރިޕޯޓުގައި ހާމަކޮށްފައެވެ. އަދި އެ ހުރިހާ ކަމެއް ރައީސް ޔާމީނަށް އެނގޭނެ ކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށް ލިޔެފައިވެއެވެ.

މި ތަހުގީގީ ރިޕޯޓަކީ އޯސީސީއާރްޕީ އިން ކުރި ތަހުގީގުގެ މައްޗަށް އަލް ޖަޒީރާގެ ފަރާތުން ވިލް ޖޯޑަން ގެނެސްދީފައިވާ ރިޕޯޓެކެވެ. ވިލް ޖޯޑަން އަކީ އެމްއެމްޕީއާރްސީ ކޮރަޕްޝަން ހާމަކޮށްފައިވާ ޑޮކިއުމެންޓްރީ "ސްޓީލިން ޕެރެޑައިސް" ވެސް ގެނެސްދިން ފަރާތެވެ. އޭނާ ބުނެފައިވަނީ މި ތަހުގީގީ ރިޕޯޓުގައި ގެނެސްދީފައިވާ މަައުލޫމާތުތަކާ ބެހޭގޮތުން ރައީސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައިނުވާ ކަމަށެވެ.