Last Updated: March 29, 18:55
Friday, March 29, 2024
ދުނިޔެ

އިޒުރޭލު ހަމަލާއަކުން ރެކެން އުޅެނިކޮށް ސީރިޔާ އަތުން ރަޝިޔާ ބޯޓެއް ވެއްޓިއްޖެ

އިޒުރޭލުން ސީރިޔާއަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް ސީރިޔާއިން ފޮނުވި މިސައިލެއް ރަޝިޔާގެ ހަނގުރާމަތީ މަތިންދާ ބޯޓަކަށް އަމާޒުވެ ބޯޓު ވެއްޓި، ރަޝިޔާ އަސްކަރިއްޔާގެ 15 ސިފައިން މަރުވެއްޖެއެވެ.

މިމައްސަލާގައި ރަޝިޔާއިން ވަނީ އިޒުރޭލުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެފައެވެ. ރަޝިޔާ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ޖެނެރަލް އިގޯރ ކޮނަޝެންކޮވް ބުނެފައިވަނީ އިޒުރޭލުން ސީރިޔާއަށް ހަމަލާ ދިނުމުގެ ކުރިން ދޭން ޖެހޭ އިންޒާރު ރަޝިޔާ އަށް ދިނީ ހަމަލާ ފޮނުވުމުގެ އެންމެ މިނެޓެއް ކުރިން ކަމަށެވެ.

އޭރުވެސް ރަޝިޔާ ބޯޓުތައް މަތީގައި ތިބިކަން އިޒުރޭލަށް އެނގޭނެ ކަމަށާއި ފޯނަކުން އެންމެ މިނެޓެއް ކުރިން މެސެޖެއް ފޮނުވިޔަސް ބޯޓުތައް ބިމަށް ތިރިނުކުރެވޭނެ ކަން އިޒުރޭލަށް އެނގޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އަދި މިކަމާ ގުޅިގެން ރަޝިޔާއަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ހައްގު ލިބިގެންވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ތަރުޖަމާނު ވަނީ ބުނެފައެވެ. "އިޒުރޭލު އަސްކަރިއްޔާގެ ފަރުވާކުޑަކަމުން 15 ރަޝިޔާ ސިފައިން ވަނީ މަރުވެފައި." ކޮނަޝެންކޮވް ބުނެފައިވެއެވެ.

ރަޝިޔާއާއި އިޒުރޭލުން ތިބީ ސީރިޔާ ހަނގުރާމައިގެ ދެ ފަރާތުގައެވެ. ރަޝިޔާއިން ވަނީ މީގެ ކުރިން އިޒުރޭލުން މިފަދަ ކަމެއް ކުރާ ނަމަ ރަޝިޔާއަށް އެކަން ކުރިން އެންގުމަށް ބުނެފައެވެ. މިހާދިސާއާ ގުޅިގެން ރަޝިޔާއާ އިޒުރޭލާ ދެމެދު އޮތް ގުޅުން ކުރިނަށް ވުރެ ހީނަރު ވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.