Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޤައުމީ ޓީމާއެކު ވީއައިއޭގެ އާ ރަންވޭއަށް އޭ380 ގެ މަތިންދާ ބޯޓު ޖައްސައިފި

އާ ރަންވޭއަށް ޖެއްސި މަތިންދާ ބޯޓު- ފޮޓޯ: ޓްވިޓާ (އެމްއޭސީއެލް)

މިއަދު ހެނދުނު 10:28 ގައި އަބޫދާބީން ފުރައިގެން އައި ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު ކަމަށްވާ އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ380 މަރުކާގެ ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭގައި ޖައްސައިފި އެވެ.

އެ މަތިންދާ ބޯޓު ވީއައިއޭގެ އާ ރަންވޭއަށް ޖައްސާފައި ވަނީ ސާފް ސުޒުކީ ކަޕް 2018 ކާމިޔާބުކުރި، ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު އެވެ.

އެ ފްލައިޓް ވީއައިއޭގެ އާ ރަންވޭއަށް ޖައްސާފައި ވަނީ ދިވެހި ޕައިލެޓެއް ކަމަށްވާ އަލީ އަހުސަން އެވެ. އަދި އެ ބޯޓު އާ ރަންވޭއަށް ޖެއްސުމުގެ ކުރިން، އާއްމުންނަށް ދައްކައިލުމުގެ ގޮތުން މާލެ ވަށައިގެން 1،000 ފޫޓު މަތިން ބުރެއް ޖެހި އެވެ.

ބޯޓު ރަންވޭގައި ޖެއްސުމާއެކު އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު އިން ވޯޓާ ސެލިއުޓެއް ނެގި އެވެ. އަދި ބޯޓު ޖެއްސުމަށްފަހު ޓީމުގެ ކުޅުންތެރިން ބޭލީ އޭޕްރަންގައި މަޑުކުރުމަށްފަހު އެވެ.

އެ ބޯޓު މާލެއިން ފުރަން ހަމަޖެހިފައި ވަނީ މިއަދުގެ އިރުއޮއްސުމުގެ ކުރިންނެވެ.

އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.