Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޕީޕީއެމްގެ ރަޖިސްޓްރާގެ މަޤާމުން ހިޔަލީ ވަކިކޮށް އެމަޤާމު ނާޒިމަށް

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ރަޖިސްޓްރާ ކަމުގެ މަޤާމުން ހިޔަލީ މުހައްމަދު ރަޝީދު ވަކިކޮށް، އެ މަޤާމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އައްޔަންކޮށްފި އެވެ.

މިގޮތަށް ނިންމާފައި ވަނީ މިއަދު ހެނދުނު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގަ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ހިޔަލީ އެ މަޤާމުން ވަކިކުރީ، އޭނާ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށާއި، އިދިކޮޅު އިއްތިހާދާއެކު ކެމްޕެއިންގައި މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާތީ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަރިސް ބޭފުޅެއްވެސް ކަމަށްވާ ހިޔަލީ ވަނީ އޭނާ އާއި އޭނާގެ އާއިލާގެ މެންބަރުންނާ އެކު އިބޫ ނަންގަވާފައިވާ ފޮޓޯއަކަށް އޭނާގެ ޓްވިޓާގެ ޕްރޮފައިލް ފޮޓޯ ވެސް ބަދަލުކޮށްފަ އެވެ. އަދި ޓްވިޓާ އެކައުންޓްގެ ކަވަރަކަށް ވެސް ލާފައިވަނީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެމަފިރިކަނަބަލުންގެ ފޮޓޯއެކެވެ.