ސިވިލް ސަރވިސްގެ މުވައްޒަފުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވާއިރު، ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އިލްތިމާސްކޮށްފި އެވެ.
ސީއެސްސީ އިން މިއަދު ނެރުނު ސަރކިއުލާއެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކަންތައްތަކުގައި ބައިވެރިވެ އުޅުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުން އެ ފަރާތްތަކުން ވަޒީފާ އަދާކުރަމުން ގެންދާ އިދާރާތަކުގެ ނަމާއި އެ ފަރާތްތަކުގެ މަޤާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ސިޔާސީ ޙަރަކާތްތަކަށް ބާރު ނުވަތަ ނުފޫޒު ނުފޯރުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެ އުޅުމުގައި އެންމެހާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ސިވިލް ސަރވިސްގެ އިދާރާތަކުން ވެސް، ޤާނޫނާއި ޤަވާއިދުތަކުގައިވާ ގޮތުގެ މަތިން ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށްވެސް ސީއެސްސީ އިން ބުނެއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި ގުޅިގެން ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުން، އަމިއްލަ ހައިސިއްޔަތުން ފާޅުކުރާ ޚިޔާލުތައް މީޑިޔާތަކުން ގެނެސްދިނުމުގައި އެ މުވައްޒަފުން އަދާކުރާ ސިވިލް ސަރވިސްގެ ވަޒީފާތަކަށް ނިސްބަތް ނުކުރުމަށް ވެސް ސީއެސްސީ އިން އިލްތިމާސްކޮށްފަ އެވެ.
ސީއެސްސީ އިން މިގޮތަށް އިލްތިމާސްކޮށްފައިވާއިރު، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދު ކުރާކަން މާލެއާއި އަތޮޅު ތެރޭގެ ގިނަ އަދަދެއްގެ ސިވިލް ސަރވިސް މުވައްޒަފުން ދަނީ ހާމަ ކުރަމުންނެވެ.
އެމްޑީޕީ އަދި އިދިކޮޅު އިއްތިހާދުގެ ބައެއް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި ކަމަށް ބުނެ މީގެ ކުރިން ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނަކަށް ފިޔަވަޅު އަޅައި ވަޒީފާ އިން ވަކިކޮށްފައިވާއިރު، ޕީޕީއެމުން ބާއްވާ ޖަލްސާތަކަށް ދިއުމަށް ސިވިލ،ް ސާވެންޓުންނަށް މަޖުބޫރުކުރާ ކަމަށް ވެސް ތުހުމަތުކުރެވޭކަން ފާހަގަކޮށްލެވެ އެވެ.