Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވަން ފަށައިފި

ވޯޓުކަރުދާސް ފޮނުވަނީ - ފޮޓޯ: ސޯޝަލް މީޑިއާ

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓް ކަރުދާސްތައް ޕްރިންޓް ކުރުމުގެ މަސައްކަތް ނިމި، އެ ކަރުދާސްތައް ރަށްރަށް ފޮނުވަން މިއަދު ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ވޯޓު ކަރުދާސްތަކާއި އިންތިޚާބުގައި ބޭނުން ކުރާ ސާމާނު ހިމެނޭ ގޮތަށް ބްލެކް ބޮސްތައް އަތޮޅުތަކަށް ފޮނުވަމުންދާ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހުރިހާ ސަރަހައްދަކަށް ވޯޓު ކަރުދާސްތަކާއި އިންތިޚާބުގައި ބޭނުން ކުރާ ސާމާނު ފޯރުކޮށްދެވޭނެއެވެ.

އަކްރަމް ވިދާޅުވީ ވޯޓް ކަރުދާސް ޕްރިންޓް ކުރުމާ ގުޅޭ މައުލޫމާތުތައް ޤާނޫނުގައި އޮތް ގޮތަށް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

ވޯޓް ކަރުދާހައި ވޯޓްލުމުގައި ބޭނުންކުރާ އެހެނިހެން ސާމާނު ހިމެނޭ ސެކިއުރިޓީ ފޮށިތައް ފުރަތަމަ ފޮނުވާނީ ކޮންމެ އަތޮޅެއްގެ ވެސް މައިރަށަށް ކަމަށާއި، އެ އަތޮޅެއްގެ ރަށްތަކަށް އެ ތަކެތި ގެންދާނީ އެއަށްފަހު ކަމަށް މީގެ ކުރިން އަކްރަމް ވަނީ ވިދާޅުވެފަ އެވެ.

އަދި ސެކިއުރިޓީ ފޮށްޓާ އެކު، ކޮންމެ އަތޮޅަކަށް އެ ކޮމިޝަންގެ އޮފިޝަލަކާއި ފުލުހުންގެ އޮފިޝަލަކު ވެސް ދާނެ ކަމަށާއި، ވޯޓް ނަގާ ދުވަހާ ހަމަޔަށް އެތަކެތި ހުންނާނީ ވަރަށް ރައްކާތެރިކަމާ އެކު ބެހެއްޓޭނެ ފަދަ އިންތިޒާމެއްގެ މަތިން ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 260،000 އަށްވުރެ ގިނަ މީހުންނަށް ލިބިގެންވެއެވެ.