Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އަޅުގަނޑުގެ ކައްޕި ކަމުގައި ނުދެވޭނެ ހިސާބެއް ނޯންނާނެ: ރައީސް ޔާމީން

ސާފް ސުޒުކީ ކަޕްގެ ތަށި ރައީސް ޔާމީނަށް އަރުވަނީ - ފޮޓޯ: ޕީއެސްއެމް

އެމަނިކުފާނުގެ ކައްޕިކަމުގެ ދަށުގައި ރާއްޖެއަށް ނުދެވޭނެ އެއްވެސް ހިސާބެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ސާފް ސުޒުކީ ކަޕް 2018ގެ ޗެމްޕިއަންކަން ހޯދި، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ޒުވާނުންގެ ހިތްވަރާއި ރައީސް ޔާމީންގެ ފަންވަރާއެކު ކުރިއަށް ގޮސްފިނަމަ، ރާއްޖެ އަށް ހާސިލް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި ޒުވާނުން އެކަމަށް ފުރުސަތު ދެއްވައިފިނަމަ އެމަނިކުފާނު ރާއްޖޭގެ "ކައްޕިގެ" ގޮތުގައި މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޤައުމީ ޓީމުން ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ގެނައިއިރު ވީއައިއޭގެ އާ ރަންވޭއަކީ ރާއްޖެއަށް ބޮޑު އިންޤިލާބެއް ގެންނާނެ ކަމެއް ކަމަށާއި، މިއަދަކީ ދިވެހިން ޝުކުރުކުރުން މަތީ ތިބެން ޖެހޭނެ ދުވަހެއް ކަމަށާއި އަދި މި ހުރިހާ ކަމެއް ދޫކޮށްލަން ރައްޔިތުން ނުޖެހޭ ކަމަށެވެ.

މިއަދު ވީއައިއޭގެ އާ ރަންވޭ ހުޅުވީ ޤައުމީ ޓީމު ގޮވައިގެން އައި އިއްތިހާދު އެއާވޭސްގެ އޭ380 މަރުކައިގެ މަތިންތާ ބޯޓު ޖެއްސުމާއެކު އެވެ.

އާ ރަންވޭއަށް ޖެއްސުމުގެ ކުރިން، އާއްމުންނަށް ދައްކައިލުމުގެ ގޮތުން މާލެ ވަށައިގެން އެ ފްލައިޓް ވަނީ 1،000 ފޫޓު މަތިން ބުރެއް ޖަހައިފަ އެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.