މިރޭ ޕީޕީއެމުން މާފަންނު ދަނޑުގައި ބާއްވާ "އެންމެން އެކަކަށް" ޖަލްސާއަށް ހާޒިރުވި މީހުންގެ އަދަދު ފެނިފައި، މަންޒަރު ވަރަށް ސާފު ކަމަށާއި ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވައިފި ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވެއްޖެއެވެ.
މިރޭގެ ޖަލްސާގައި ޝައިނީ ވަނީ ރައީސް ޔާމީނަށް 75 އިންސައްތަ ވޯޓު ހޯދާ ދޭންވާނެ ކަމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ސިޔާސަތުތަކަކީ ޔަހޫދީ ދީނުގެ އަހުލުވެރިންނަށް މަދަދުވެރިވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެބޭފުޅުންނަށް ދިވެހިން ވޯޓު ނުދެއްވާނެ ކަމަށާއި 75 ޕަސެންޓު ވޯޓުން ރައީސް ޔާމީން ހޮވޭނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފައިސާ ދީގެން މީހުން ގެނެސްފައިވާ ކަމަށް ސޯޝަލް މީޑިޔާގައި ވަނީ އަޑު ފެތުރިފައެވެ. އަދި މާލޭގައި ތިބި ސަރުކާރުގެ މުވައްޒަފުންނަށް ޖަލްސާގައި ބައިވެރިވުމަށް މަޖުބޫރު ކޮށްފައިވާ ކަމަށް ވެސް ވަނީ ޚަބަރު ފެތުރިފައެވެ.