އަންނަ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ މިގައުމުގެ ވެރިކަން ހަވާލުނުކުރުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް އާދޭހާއެކު ދަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އިން މިރޭ "އެންމެން އެކަކަށް" ނަމުގައި ބާއްވާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުންގެ ތަޅާފޮޅުން ތެރޭ މިގައުމު ހަލާކު ކޮށްލުމުގެ ފުރުސަތު ނުދެއްވުމަށާއި ދީނީ އަދި ގައުމީ ވަހުދަތު ގާއިމުކުރުމަށް ރައީސް ޔާމީނަށް، ކެންޑިޑޭޓް ނަމްބަރު އެކަކަށް ވޯޓު ދެއްވުމަށް ޝަހީމް އެދިވަޑައިގަތެވެ.
ޝަހީމް ވަނީ މިރޭގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންފައިވާ ޝެއިޚް އިލްޔާސް އަށް އެމަނިކުފާނާއި ގުޅިވަޑައިގަތުމަށް ގޮވާލާފައެވެ. އަދި އެމްޑީޕީ ދިފާއުކޮށް ވާހަކަ ދައްކަން ހެޔޮ ނުވާނެ ކަމަށް ޝަހީމް އިލްޔާސަށް ވިދާޅުވެފައިވެއެވެ.