Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

މިފަދަ ޖަލްސާއަކަށް ދެން އައްޑޫން މީހުން ގެންނާނީ އޭ380 އެއްގަ: ރައީސް

އިތުރު ދައުރެއް ދިވެހި ރައްޔިތުން ދެއްވައިފިނަމަ ދެން މިފަދަ ޖަލްސާއަކަށް އައްޑޫ ސިޓީން މީހުން ގެންނާނީ އޭ380 ބޮޑު މަރުކާގެ މަތިންދާބޯޓަކުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމުން "އެންމެން އެކަކަށް" ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެންމެ ބިޔަ ބޮޑު މަތިންދާބޯޓު އައްޑޫގައި ޖެއްސުމަކީ "ޑުއެބްލް" ނުވަތަ ވާނެ ކަންތައް ކަމަށެވެ.

އަދި މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވެފައެވެ. އިދިކޮޅު ކޯލިޝަނުން ނެރެނީ ހަތަރު ލީޑަރުން ބުނާ ބަސް ބުނަން، ކޭކު ފަޅަން ވަޅި ހިފައިގެން ހުންނަ މީހެއް ކަމަށް ރައީސް ވިދާޅުވިއެވެ. އިދިކޮޅު ލީޑަރުން އެއްބަސްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތެއް ވެސް ކެންޑިޑޭޓް، އިބޫ ސޯލިހް އަށް ނުދެއްވާ ކަމަށާއި އިބޫ ހުންނެވީ ރައީސް ނަޝީދުގެ ހިޔަނީގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އިދިކޮޅު މެނިފެސްޓޯ ގައިވެސް އަދާލަތު ޕާޓީން ބޭނުންވި ކަންތައްތަކެއް ނުހިމަނާ ކަމަށާއި ޖޭޕީން ބޭނުންވި ކަންތައްތައް ހިމަނާފައިނުވާ ކަމަށް ބުނެ ރައީސް ޔާމީން ވަނީ އިދިކޮޅުން ނެރުނު މެނިފެސްޓޯއަށް ވެސް ފާޑުވިދާޅުވެފައެވެ. އަދި އެބޭފުޅުން މެނިފެސްޓޯ ގައި، އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް ލިޔެފައިވަނީ އެއީ ވޯޓު ހޯދުމުގެ މަގުސަދުގައި ކަމަށް ރައީސް ތުހުމަތުކުރައްވާފައިވެއެވެ.

ރައީސް ޔާމީން ވަނީ އިސްލާމް ދީން ހިމާޔަތް ކުރުމަށް އެމަނިކުފާނަށާއި ޑރ. ޝަހީމަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެޕާޓީން ނެރޭނީ ސިންގަލް ކެންޑިޑޭޓެއް ކަމަށާއި މަލްޓި ޕާސަނަލިޓީ ކެންޑިޑޭޓެއް ނުނެރޭނެ ކަމަށް ރައީސް ވިދާޅުވެ އަނެއްކާވެސް، އިދިކޮޅު ކޯލިޝަނަށް ފާޑު ވިދާޅުވިއެވެ.

މިރޭގެ ޕީޕީއެމް ޖަލްސާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ބައިވެރިވެފައިވާއިރު ރައީސް ޔާމީން ވިދާޅުވީ މީހުން ގެނެސްފައިވަނީ އެބޭފުޅުންގެ އެދުމުގެ މަތިން ކަމަށެވެ. ޕީޕީއެމްގެ ނައިބު ލީޑަރ އަބްދުއްރަހީމް އަބްދުﷲ ވަނީ މިޖަލްސާގައި 50،000 މީހުން ބައިވެރިވެފައިވާ ކަމަށް ވިދާޅުވެފައެވެ.