އެއްގަމު އުޅަނދުތަކުގައި ޖަހާ ޕާކިންގ ސްޓިކަރ، އާމްދަނީ ހޯދުމުގެ މަގްސަދުގައި ޖެހުން ހުއްޓަވާލައްވާނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ
އިބޫ މިހެން ވިދާޅުވީ، ރާއްޖެޓީވީގެ "ރައްޔިތުންގެ ދަރުބާރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ މިހާރު ކޮންމެ ދުވަހަކު ވެސް މަދުވެގެން ޕާކިންގ ސްޓިކަރ ޖަހައި ހަމަކުރަން ޖެހޭ ވަކި ވަރެއް އޮންނަ ކަމަށާއި އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި ޕާކިންގް ޒޯނެއް ނުދައްކާ ސްޓިކަރ އެއްވެސް ވަރަކަށް ނުޖައްސަވާނެ ކަމުގެ ޔަގީންކަން އިބޫ ދެއްވިއެވެ.
މާލޭގެ ހުރިހާ އުޅަނދެއް ޕާކް ކުރުމަށް 120،000 އަކަ ފޫޓުގެ ބިން ބޭނުންވާ ކަމަށް އިބޫ ވިދާޅުވިއެވެ. އެއީ 5000 އަކަފޫޓުގެ ފަސް ފަންގިފާލާގެ ފަސް އިމާރާތްކަން އެ މަނިކުފާނު ފާހަގަކުރައްވިއެވެ. އިބޫ ވިދާޅުވީ މި އިމާރާތްތައް އިމާރާތް ކުރުމަކީ ވަގުތީ ހައްލު ކަމަށެވެ. ދާއިމީ ހައްލަކަށް ވާނީ ރާއްޖޭގެ އެހެން ހިސާބުތަކުގައި ސިޓީތައް ހައްދާ މާލެއިން ލިބޭ ޚިދުމަތް އެތަންތަނުން ފޯރުކޮށްދިނުން ކަމަށެވެ. މާލެ ޑީސެންޓްރަލައިޒްވެގެން ދިޔުމާއެކު މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
ބްރިޖު އެޅުމަކީ މަގުތައް ތޮއްޖެހުމަށް ލިބޭ ހައްލެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން މާލޭގެ މަގުތައް އެންމެ ތަންފުކެއް ވެސް ބާރު ކުޑައެއް ނުވާނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށްވެސް އިބޫ ވިދާޅުވިއެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި މާލޭގެ މަގުތަކުގެ ކާރުބާރު ކުޑަކުރުމަށް ވަގުތީ ފިޔަވަޅުތައް އަޅުއްވާނެ ކަމަށާއި މި ސަރުކާރުން ބަންދުކޮށްފައިވާ ބައެއް މަގުތައް ހުޅުއްވައިދެއްވާނެ ކަމަށެވެ.