ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުން މިހާރު ދެމުންދާ އިނާޔަތަށް ބަދަލު ގެނެސް، އިނާޔަތް އިތުރު ކުރާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފިއެވެ.
ރާއްޖެޓީވީގެ "ރައްޔިތުންގެ ދަރުބާރު"ގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރެއްގައި މިހާރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުންދާ އިނާޔަތްތައް މަދު ނުކުރައްވާނެ ކަމަށާއި އޭގެ ބަދަލުގައި އިތުރަށް އެ އިނާޔަތަށް ބަދަލު ގެންނަވާ އިތުރުކުރައްވާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމާ ބެހޭ ގާނޫނުގެ ދަށުން މިހާރު ދެމުންދަނީ 2،000 ރުފިޔާއެވެ. އެ އިނާޔަތް 5،000 ރުފިޔާއަށް ބޮޑު ކުރުމަށް އަދާލަތު ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަނާރާ ނައީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ސަރުކާރު ހިންގާ ޕާޓީން ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ
ނަމަވެސް އިނާޔަތް ބޮޑު ކުރައްވާނެ މިންވަރެއް އިބޫ ވިދާޅެއް ނުވެއެވެ.
މި ޕްރޮގްރާމްގައި އިބޫ ވަނީ ވަރަށް ގިނަ ކަންތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއްގަމު އުޅަނދުތަކުގައި ޖަހާ ޕާކިންގ ސްޓިކަރ، އާމްދަނީ ހޯދުމުގެ މަގްސަދުގައި ޖެހުން ހުއްޓަވާލައްވާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.