ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރާ އިންތިހާބީ ހައްގަކަށް އަރައިގެންފައިވާކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.
ރައީސް ޔާމީންގެ ވަކީލުން މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މައްސަލަ ބަލައި ނުގަނެވޭނެކަން އަންގާ މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވަނީ އަންގާރަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.
ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީންގެ އިންތިހާބީ ހައްގަކަށް އުނިކަން ލިބިފައިވާތީ އެ ނޫސްކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރަށް ފިޔަވަޅު އެޅުމަށެވެ. އަދި މިމައްސަލާގައި އެމްޑީޕީއަށް ފިޔަވަޅު އެޅުމަށްވެސް އެދިފައި ވެއެވެ.
ރައީސް ޔާމީން އަބުރުގެ ދައުވާ އުފުލާފައިވަނީ އުތުރު ކޮރެއާގެ ބޯޓަކަށް ރާއްޖޭގެ ދިދަ ޖެހި ބޯޓަކުން ގަވާއިދާ ހިލާފަށް ތެޔޮ ފޯރުކޮށް ދިން ކަމަށް ތުހުމަތު ކުރާ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކޮށް މައްސަލަ ބަލައި ދިނުމަށް އެމްޑީޕީން އޭސީސީއަށް ހުށަހަޅުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާއި ގުޅިގެންނެވެ.