Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

އިބޫ އާއި ފައިސަލް ފުވައްމުލައް އަދި އައްޑޫ ސިޓީ ދަތުރު ފައްޓަވައިފި

ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެންމެ ފަހުގެ މަންޒިލްތައް ކަމަށްވާ ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅަށް ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) އަދި އެ މަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ފުވައްމުލައް ސިޓީއަށް ފުރާވަޑައިގެންފިއެވެ.

މިއަދު ހެނދުނު އިބޫ އާއި ފައިސަލް ވަނީ ފައިސަލްގެ އުފަން ރަށް، ފުވައްމުލައް ސިޓީއަށް އެކުގައި ފުރާވަޑައިގެންފަ އެވެ. މި ދަތުރުގައި އިބޫ އާއި ފައިސަލް ފުވައްމުލަކު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭ އެ ރަށުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިބޫ އާއި ފައިސަލް، ކެމްޕޭންގެ ފަހު މަންޒިލެއްގެ ގޮތުގައި އައްޑޫ ސިިޓީއަށް ވަޑައިގަންނަވާނެ އެވެ. އަދި އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު އައްޑޫ ސިޓީގައި ވެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އިބޫ ކެމްޕޭން ފެއްޓެވީ ވެސް އައްޑޫ އާއި ފުވައްމުލަކުން އެވެ. ނިންމަވާލައްވަނީ ވެސް އެދެ ރަށުން އެވެ. އައްޑޫ ސިޓީއަކީ އިދިކޮޅުގެ ސަޕޯޓަރުން ވަރަށް ގިނައިން ތިއްބެވި ސިޓީއެކެވެ. އެމަންޒަރު ރައީސް ޔާމީން ވަޑައިގެންނެވި ދަތުރުގައި އެ މަނިކުފާނަށް ފެނިވަޑައިގެން ހިތްޕުޅު ހަމަޖެހިވަޑައިގެން އުޅުއްވި މަންޒަރުތައް ވެސް ވަނީ ފެނިފައެވެ.

ފުވަމުލަަކާއި އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ފަހު އިބޫ ކެމްޕެއިން ދަތުރުފުޅުތައް ނިންމަވާލާ، އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުގަ އެވެ. އެއަށްފަހު ހޮނިހިރު ދުވަހުގެ ރޭ ރެލީއެއް ބޭއްވުމަށް އެމްޑީޕީ އިން ވަނީ ކާނިވާ ސަރަހައްދު މިހާރުވެސް ހޯދައިފަ އެވެ.

އިބޫ އާއި ފައިސަލް މިހާތަނަށް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 180 އަށް ވުރެ ގިނަ ރަށަށް ދަތުރު ކުރައްވާ ރައްޔިތުންގެ އަޑު އައްސަވާ، ރައްޔިތުންގެ ހާލު ވަރަށް ގާތުން ބައްލަވާފައެވެ. އިބޫ އާއި ފައިސަލް ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ވެސް ވާހަކަފުޅު ދައްކަވަމުން އެ ރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުއްދައިދިނުމަށާއި އެކި ވައުދުތައް ވެވަޑައިގަންނަވަ އެވެ. އިބޫ ވިދާޅުވަނީ އެ ދަތުރުތަކުން ގިނަ ކަންކަން އެނގިއްޖެ ކަމަށާއި ރައްޔިތުން ތިބީ ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރު ނިންމައި އަމާން ބަނދަރަކަށް ދިޔުމަށް ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ.