މުވައްްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވަޒީފާއާ ބެހޭ ފުރިހަމަ ގާނޫނެއް ހައްދަވައި މުސާރައިގެ ތަފާތުކުރުން ނައްތާލައި މިނިމަމް ވޭޖެއް ކަނޑައަޅުއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއިން އަންގާރަ ދުވަހުގެ ރޭ ބޭއްވި "ރައްޔިތުންގެ ދަރުބާރު"ގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ގިނަ ޒުވާނުންގެ ވަޒީފާ ނެތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ޓޫރިޒަމްގެ ދާއިރާއަށް 30،000 ޒުވާނުން ތަމްރީނުކޮށް ވަޒީފާތައް ހޯދައިދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ގިނައިން ދިވެހިން ގެންގުޅޭ ރިސޯޓްތަކަށް ޓެކްސްގައި ލުޔެއް ދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރިސޯޓްތަކުގަައި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒު ކުރައްވާ އިބޫ ވިދާޅުވީ ބައެއް ރިސޯޓްތަކުގައި އެކަށީވެންވާ ގޮތެއްގައި ސާވިސް ޗާޖް ދެމުންނުދާ ކަމަށެވެ. އެކަން ޒިންމާދާރު ގޮތެއްގައި ކުރެވޭތޯ އެ މަނިކުފާނުގެ ވެރިކަމެއްގައި ބައްލަވާނެ ކަމަށެވެ. އަދި މީގެ އިތުރުން މުވައްޒަފުންނަށް ސާވިސް ޗާޖާއި ޓިޕްސް ލިބެންޖެހޭ ގޮތަށް ލިބޭތޯ ކަށަވަރު ކުރައްވާނެ ކަމަށެވެ.
އެއް ވަޒީފާއެއްގައި އުޅޭ ބިދޭސީންނާއި ދިވެހިންނާއި ޖިންސުގެ ސަބަބުން ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި އެކަންކަމަށް ހައްލެއް ގާނޫނަކުން ހޯއްދަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ އިތުރަށް ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރަން ޖެހޭ ކަމަށާއި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެންމެންނާ މަޝްވަރާކޮށް މިނިމަމް ވޭޖެއް ކަނޑައެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ވަޒީފާއާ ބެހޭ ފުރިހަމަ ގާނޫނެއް ވުޖޫދަށް ގެންނަވާނެ ކަމަށެވެ. އަދި ލޭބާ ޔޫނިއަންތަކަށް ހަރަކާތްތެރިވުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.