Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ރައީސް ޔާމީންގެ ސިޔާސަތު: ބެގް، ބޮރޯ އޯ ސްޓީލް؟

ރައީސް ޔާމީން، ފޮޓޯ: މިހާރު

ސައިޒު ދައްކާލުމުގެ ނަމުގައި ރޭ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްއިން މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ރިޔާސީ ކެންޑިޑޭޓް، އަދި މިހާރުގެ ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ޒުވާނުންނަށް އާ ވަޒީފާތައް އުފައްދަވާނެ ކަމަށް ވިދާޅުވުމަށް މިސާލު ނެންގެވީ ޒުވާން ފިރިހެނުން އެމީހުންގެ ލޯބިވެރިޔާއަށް އާ މޮބައިލް ފޯނެއް ދޭން ބޭނުންވާނެ ކަމަށް ބުނެއެވެ. ރައީސް ވިދާޅުވީ ކޮންމެ ޒުވާނަކުވެސް "ގާލްފްރެންޑް" އަށް އެންމެ ފަހުގެ ފޯނެއް ދޭން ބޭނުން ވާނެ ކަމަށެވެ. އަދި އެ ފޯނު ގަންނަން ލާރި ނެތުމުން ކޮންމެ ގޮތެއް ހަދާފައިވެސް ފޯނު ގަންނާނެ ކަމަށާއި، އިނގިރޭސި ހަރުބަހެއް ބުނާނަމަ އެ ފޯނު ހޯދަން "ބެގް، ބޮރޯ އޯ ސްޓީލް" ނުވަތަ އާދޭސްކޮށް، ވަގަށް ނަގާ ހިސާބަށް ވެސް ދާނެ ކަމަށެވެ. ނޫން ނަމަ ލޯބިވެރިޔާ އެހެން މީހެއްގެ ކައިރިއަށް ހިނގައިދާނެ ކަމަށް ބުނެ މިސާލު ނެންގެވިއެވެ.

ރައީސް ޔާމީންގެ މި އިނގިރޭސި ހަރުބަސް، "ބެގް، ބޮރޯ އޯ ސްޓީލް" އަށް ގިނަ ބަޔެއްގެ ނަޒަރު ހުއްޓިގެން ދިޔައިރު މިއީ ރައީސް ޔާމީންގެ ކޮންމެ ކަމަކަށް އޮތް ހައްލު ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. އިއްޔެ އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް(އޯސީސީއާރްޕީ) އިން ހާމަކުރި ތަހުގީގީ ރިޕޯޓުގައި ވާ ގޮތުން ރައީސް ޔާމީން ވަނީ އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގައި ކޮންމެވެސް ވަރަކަށް ބައިވެރިވެފައިވާކަން ނުވަތަ އެކަމަކީ އެމަނިކުފާނަށް އެނގިގެން ހިނގާފައިވާ ކަމެއް ކަން ސާބިތުވެފައިވާ ކަމަށް ބުނެފައެވެ.

ކުރިން ރައީސް ޔާމީން ރައްޔިތުންނާ ބައްދަލުކޮށް، އެ ކޮރަޕްޝަނަކީ އެމަނިކުފާނާ އެންމެ ގާތުން މަސައްކަތް ކުރެއްވި ކުރީގެ ނައިބު ރައީސް އަމިއްލައަށް، އެމަނިކުފާނަށް ނޭނގި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކެއް ކަމަށް ވިދާޅުވި ނަމަވެސް އިއްޔެ އޯސީސީއާރްޕީ އިން ހާމަކުރި ރިޕޯޓުގައި ބުނެފައިވަނީ އަހުމަދު އަދީބުގެ ފޯނުތަކަށް ރައީސް އަބްދުﷲ ޔާމީން ފޮނުވާފައި ހުރި މެސެޖުތަކުން، އއ. މަތިވެރި ފިނޮޅާ ބެހޭ ގޮތުން ސުވާލު ކޮށްފައިވާ ކަމަށާއި އަދި އެ ފިނޮޅު "ވިއްކާލުމުގެ" މަސައްކަތް ހިނގަމުން ދިޔަ ގޮތް އަދީބު ރިޕްލައި އަކުން ރައީސް ޔާމީނަށް އަންގަވާ ދެއްވި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކެންޑިޑޭޓް، އިބޫ ސޯލިހް އަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވަނީ އިއްތިހާދުގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމަށް ރާއްޖެއިން ފަޅެއް ވިއްކާނުލާނެ ކަމަށް ބުނަން އިބޫ އަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު ދިވެހި ފަސްގަނޑުން އެތައް ފަޅަކާއި ރަށެއް ބިޑެއް ހުށައެޅުމެއް ނެތި ނާޖާއިޒު ފައިދާ ހޯދުމަށް ވިއްކާލި ވިއްކާލުމުގައި ރައީސް ޔާމީންގެ ބައިވެރިކަން ހާމަވެފައިވާ ކަމަށް ބައިނަލް އަގުވާމީ ތަހުގީގީ އިދާރާއަކުން ހާމަކޮށްފައިވާއިރު އަދިވެސް އެކަމާ ގުޅޭގޮތުން ރައީސްގެ ފަރާތުން ޖަވާބެއް ލިބިފައެއް ނުވެއެވެ.

މިފަދަ ސުވާލެއް ކުރިމަތިކުރުވާ ކޮންމެ ފަހަރަކު ރައީސްގެ ދޫފުޅުން ފިނި ޖަވާބެއް މާޒީގައި އިވިގެން ގޮސްފައިވާއިރު އަވަސް އަވަހަށް މައުޟޫއު ބަދަލުކުރައްވާ ތަން ވަނީ ފެނިގެން ގޮސްފައެވެ. އަލްޖަޒީރާއިން މީގެ ކުރިން ސާފު ހެކިތަކާއެކު ހަދާފައިވާ ޑޮކިއުމެންޓްރީ ސްޓީލިން ޕެރެޑައިސްގައި ރައީސް ޔާމީންގެ ގެކޮޅަށް ފައިސާ ދަބަހުގައި ހިފައިގެން ގޮސް ވެއްދި ކަމަށް ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބުގެ ގާތް ބޭފުޅުން ވިދާޅުވެފައިވި ނަމަވެސް ރައީސް އޮފީހުން ވަނީ އެ ޑޮކިއުމެންޓްރީގައި ގެނެސްދީފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއް ނޫން ކަމަށް ބުނެފައެވެ.

ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ދޫފުޅުން، އެމަނިކުފާނުގެ ގެކޮޅަށް ވަދެފައިވަނީ ޝައްކެއް ވެސް ނެތް ގޮތުގައި ހަލާލު ފައިސާއެއް ނޫން ކަމަށް ވިދާޅުވެފައިވާއިރު، އެ ފައިސާ އަކީ ރައްޔިތުންގެ ހައްގަކަށް ވާއިރުވެސް ފައިސާ އަނބުރާ ދައުލަތަށް ހަވާލުކުރާނެ ނުވަތަ އަނބުރާ ދައްކާނެ ވާހަކައެއް ދުވަހަކުވެސް ދައްކަވާފައެއް ނުވެއެވެ. ރައީސްގެ އަމިއްލަ އެކައުންޓަށް އެއް މިލިއަން އެމެރިކާ ޑޮލަރު، އަމިއްލަ ކުންފުންޔަކުން ފޮނުވާފައިވާ ކަމަށް އޭސީސީ ރިޕޯޓުގައި ބުނެފައިވި ނަމަވެސް އެ މައްސަލަ ނުބެލުމަށް އެ އިދާރާއިން ނިންމައި، އެކަން ފައިލް ކުރީ ކީއްވެތޯ ވެސް ރައީސް ޔާމީން ވިދާޅުވެފައެއް ނުވެއެވެ.

މިފަދަ އެތައް ކަމެއް މިފާއިތުވެދިޔަ ފަސް އަހަރު ތެރޭ "އޮއްބާލާފައިވަނީ" ކީއްވެތޯ އެއީ މިއަދު އެތައް ދިވެހިންނެއް ކުރަމުންދާ ސުވާލެކެވެ. ހަގީގަތުގައިވެސް ރައީސް ޔާމީންގެ ސިޔާސަތަކީ "ބެގް ބޮރޯ އޯ ސްޓީލް" ތޯ އެއީ މިއަދު އެތައް ދިވެހިންނެއް އެމަނިކުފާނާ އަދި އެމަނިކުފާނުގެ ޕާޓީގެ އިސްވެރިންނާ ކުރަމުންދާ، ޖަވާބު ނުލިބި އޮތް ސުވާލެކެވެ. ވޯޓު ދޭނީ 23 ވަނަ ދުވަހު ދިވެހި ރައްޔިތުންނެވެ. ޖަވާބު ނުލިބޭ ސުވާލުތައް އެއްކާރިކޮށްލާފައި ބުރިޖު ހަނދާނަށް ގެނެސްގެން ވޯޓު ދޭނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ދިވެހިންތޯއެވެ؟