ރޭ ޕީޕީއެމުން ރަސްމީ ސައިޒު ދެއްކުމުގެ ނަމުގައި މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ދެއްކެވި ވާހަކަތަކަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ރައްދު ދެއްވައިފިއެވެ.
އަނާރާ މަޖިލީހުގައި ހުންނަވައިގެން ކުރައްވާ ކަންތައްތަކޭ ކިޔައިގެން މުހައްމަދު އިސްމާއިލް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން މިއަދު ކުރެއްވި ޓުވިޓެއްގައި އަނާރާ ވިދާޅުވީ ދޮގު ވާހަކަ ދައްކަނީ ކެމްޕޭނުގައި ދައްކާނެ ވާހަކަ ހުސްވެގެންތޯ ސުވާލުކޮށްފައެވެ.
ރޭގެ ޖަލްސާގައި މުހައްމަދު އިސްމާއިލްގެ ވާހަކައިގައި އެކި މީހުންނަށް ތުހުމަތުތައް ކޮށްފައިވާއިރު ކެމްޕޭނާ ގުޅޭގޮތުން ވާހަކައެއް ދައްކަވާފައި ނުވާ ކަން ފާހަގަކޮށްލެވެއެވެ.
އޭނާ ވަނީ އިބޫ ސޯލިހް ރެހެނދި ފްލެޓެއްގައި އަހުމަދު އަދީބާއެކު ޑީލެއް ހެއްދެވި ކަމަށާއި ޖެހިގެން ހުރި ކޮޓަރީގައި މިސަރުކާރުގެ ބުރަދަން ހުރި ދެ މިނިސްޓަރުން ތިއްބެވި ކަމަށް ވިދާޅުވެފައެވެ. އަދި އެ ދެމިނިސްޓަރުންނަށް އިބޫ އަދީބާ އެކު ހެދި ޑީލް އެނގޭ ކަމަށް ވެސް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އޭނާ ދެއްވާފައިނުވާއިރު ދައްކާނެ ވާހަކަ އެބަތިބި ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. މުހައްމަދު އިސްމާއިލް އަކީ އަދީބުގެ "ފައިސާ ގޯނި" ހިފައިގެން މެމްބަރުން ކައިރިއަށް ރިޝްވަތު ބަހަން ދިޔަ ކަމަށް އަމިއްލައަށް އިއުތިރާފް ވެފައިވާ މެމްބަރެކެވެ. އޭނާ ވަނީ އެވާހަކަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދައްކަވާފައި ޓީވީ ޕްރޮގްރާމެއްގައި ތަކުރާރުވެސް ކުރައްވާފައެވެ.
ނަމަވެސް އެމައްސަލަ އެންޓި ކޮރްޕަޝަން ކޮމިޝަނުން ބަލާފައިނުވާއިރު އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް އެއްޗެއް އޭސީސީން ބުނެފައެއް ނުވެއެވެ.