Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

ފަހު ވަގުތު ފިރްމީނޯ ޖެހި ގޯލުން ޕީއެސްޖީ އަތުން ލިވަޕޫލް މޮޅުވެއްޖެ

ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކުރުމަށްފަހު ރޮބާޓޯ ފިރްމީނޯ (ކ) އެޓީމުގެ ކުޅުންތެރިންނާއިއެކު އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީ ގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޕީއެސްޖީ އާ ދެކޮޅަށް ކުޅެ އެންމެ ފަހު ވަގުތު ބްރެޒިލްގެ ފޯވަޑް ރޮބާޓޯ ފިރްމީނޯ ޖެހި ލަނޑާއެކު ލިވަޕޫލް 3-2 އިން މޮޅުވެއްޖެއެވެ.

ލިވަޕޫލުން މިމެޗަށް ނިކުތްއިރު އެޓީމު އެންމެފަހުން ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން، ފޯވާޑްލައިންގައި ފިރްމީނޯގެ ބަދަލުގައި އިނގިރޭސި ފޯވާޑް ޑެނިއަލް ސްޓަރިޖް ހިމަނާފައިވާއިރު ނަބީ ކެއިޓާގެ ބަދަލުގައި ޖޯޑަން ހެންޑަސަން ވަނީ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

ޕީއެސްޖީ އިން މިމެޗަށް ނިކުތީ ޗެމްޕިއަންސް ލީގުގައި އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ރަތްކާޑު ދެއްކުމުގެ ސަބަބުން ފުރަތަމަ އެގާރައިގައި ހިމެނިގެން އާއްމުކޮށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީގެ ބަދަލުގައި ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސް ހިމަނައިގެންނެވެ. އިޓަލީގެ ޔުވެންޓަސް އިން ޕީއެސްޖީ އާ ގުޅުުނު ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދީފައިވަނީ ފްރާންސްގެ ތިންވަނަ ގޯލްކީޕަރު އަލްފޮންސޯ އަރެއޯލާ އެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މިމެޗުގެ 30 ވަނަ މިނެޓުގައި އެޓީމަށް ލީޑް ނަގައިދިނީ ސްޓަރިޖް އެވެ. މިއީ އެޓީމުގެ ފުލްބެކް އެންޑްރޫ ރޮބަޓްސަން ތަނަވަސްކުރި ފުރުޞަތަކުން ލިބުނު ބޯޅަ އޭނާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ހަ މިނެޓުފަހުން، ޖޭމްސް މިލްނާ ވަނީ ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލަކުން ލިވަޕޫލަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިއީ ލިވަޕޫލްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އަށް ޕީއެސްޖީގެ ފުލްބެކް ހުއާން ބާނާޓް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ 40 ވަނަ މިނެޓުގައި، ބެލްޖިއަމްގެ ފުލްބެކް ތޯމަސް މޫނިއޭ ވަނީ ޕީއެސްޖީ އަށް ލަނޑެއް ކާމިޔާބުކޮށްދީ ފަރަގު ކުޑަކޮށްދީފައެވެ. މިއީ އެޓީމުގެ އެންހެލް ޑި މާރިއާ ނަގައިދިން ހުރަހަކުން އައި ބޯޅައެއް ލިވަޕޫލްގެ ކުޅުންތެރިންނަށް ދިފާއުނުކުރެވިގެން އުޅެނިކޮށް މޫނިއޭ އަށް ލިބުމުން އޭނާ އެއްފަހަރުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް އެޓީމަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް ސަލާހް އެ ބޯޅަ ފޮނުވާލުމުގެ ކުރީން، ޕީއެސްޖީގެ ކީޕަރު އަރެއޯލާ އަށް ލިވަޕޫލްގެ ސަޑިއޯ މާނޭ ފައުލްކުރުމުން ރެފްރީ ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 އިން ލިވަޕޫލް ކުރީގައިއޮވެގެންނެވެ.

ލިވަޕޫލާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

ދެވަނަ ހާފު ފެށިގެން، ލިވަޕޫލުން ކުޅުން އިތުރަށް ރަނގަޅު ކޮށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. ޕީއެސްޖީ އިން ދިޔައީ ލިބޭ ކައުންޓާއެޓޭކްތަކުގައި ލިވަޕޫލްގެ ޑިފެންސަށް ބާރު ބޮޑުކުރަމުންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ލިވަޕޫލްގެ ސްޓަރިޖަށް ލަނޑުޖެހުމަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކީޕަރު އަރެއޯލާ ވަނީ މަތަކޮށްފައެވެ.

ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ކިލިއަން އެމްބާޕޭ އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ނޭމާ ހިފައިގެން ދިޔަ ބޯޅައެއް ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ދިފާއުކުރަން އުޅެނިކޮށް ޕެނަލްޓީއޭރިޔާތެރޭގައި ހުރި އެމްބާޕޭ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ލިވަޕޫލް މޮޅުކޮށްދިން ލަނޑު އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ޖަހައިދިނީ މިހާފުގައި ކުޅެން ނިކުތް ފިރްމީނޯ އެވެ.

މިގްރޫޕުގައި ހިމެނޭ، ނަޕޯލީ އާ ރެޑްސްޓާ ބެލްގްރޭޑް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއްނުޖެހި ދެޓީމު އެއްވަރުވެގެންނެވެ. މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މޮނާކޯ އަތުން 2-1 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވިއިރު ރަށުން ބޭރުގައި ކުޅެ ބޮރޫޝިއާ ޑޯޓްމުންޑް ވަނީ 1-0 އިން ކްލަބް ބްރޫޖް ބަލިކޮށްފައެވެ. ގްރޫޕް ޑީ ގައި ކުޅުނު މެޗުތަކުގައި ލޮކޮމޯޓިވް މޮސްކޯ އަތުން 3-0 އިން ގަލަތަސާރޭ މޮޅުވިއިރު ޝަލްކޭ އާ ޕޯޓޯ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.