Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވަން ފަށައިފި

ފޮޓޯ: ވީނިއުސް

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރާ ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ވޯޓު ކަރުދާސްތަކާ އެކު، ވޯޓުލުމުގައި ބޭނުންވާ ބައެއް މުހިންމު ލިޔެކިޔުންތަކާއި ސާމާނު ގެންދަނީ ސެކިއުރިޓީ ފޮށިތަކުގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެވެ. މީގެކުރިން، އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ފޮށިތައް ރަށް ރަށަށް ފޮނުވާފައެވެ.

"ކޮންމެ ސެކިއުރިޓީ ފޮއްޓަކާއެކު، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކާއި ފުލުހަކު ދާނެ. ސެކިރުއިޓީ ފޮށިތައް ބަހައްޓާނީ ފޯކަލް ޕޮއިންޓުތަކުގެ ބެލުމުގެ ދަށުގައި،" އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިފަހަރުގެ ވޯޓު ކަރުދާހުގައި ވަރުގަދަ ސެކިއުރިޓީ ފީޗާތަކެއް ހިމެނިފައިވާނެ ކަމަށާއި އޭގެ ސައްހަކަން ކަށަވަރުކޮށްފައި ނޫނީ އެއްވެސް ވޯޓު ކަރުދާހެއް ނުގުނާނެ ކަމަށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި، ސައްހަކަން ކަށަވަރު ކުރަން އެއްވެސް ކަހަލަ ވަސީލަތެއް އީސީން ބޭނުން ކުރަން ޖެހިއްޖެ ނަމަ، އެކަން ކުރަން ވެސް ކޮމިޝަން އޮތީ ތައްޔާރަށް ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި 472 ވޯޓު ފޮށި ބަހައްޓާއިރު، މިފަހަރުގެ އިންތިޚާބުގައި 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އިންތިޚާބު ބާއްވާ ދުވަސް ކުޑަތަން ވެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ދަނީ އީސީގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދަމުންނެވެ. މިގޮތަށް ސުވާލު އުފެއްދެވުމުގައި ފެންނަ މަންޒަރު ބޮޑު ރޯލެއް ކުޅޭކަން ޔަގީނެވެ. ވޯޓު ފޮއްޓަށް ހާއްސަކޮށްފައިވާ އީސީގެ ބައެއް އޮފިޝަލުން ކެނޑިނޭޅި ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން އުޅޭ މަންޒަރު ފެނުމަކީ މި ސުވާލުތަކަށް މަގުފަހިކުރުވާ ކަމެކެވެ.