Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

ނިހާންގެ ސަޖިދައަށް ފާޑުވިދާޅުވި ކަމަށް ދެކެވޭ ވާހަކަތައް އިޔާޒު ދޮގުކޮށްފި

ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާ އަށް އެތައް ހާސް ބަޔަކު ޖަމާވުމުން އެކަމާއި އުފާފާޅުކުރުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ޝުކުރުގެ ސަޖިދައަށް ޖެއްސެވުމުން ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އެކަމަށް ވެސް އިޝާރާތް ކުރައްވާ ފާޑުވިދާޅުވާ ބީދައަކުން ޓްވީޓް ކުރައްވައިފި ކަމަށް ބުނެ ދިވެހި އޮންލައިން ނޫސް "ވަގުތު" ގައި ވަނީ ބޮޑު ބުހުތާނު ދޮގެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޚަބަރާއެކު ގެނެސްދީފައިވާ ޓްވީޓަކީ ސަޖިދައާއި ގުޅުން ހުރި އެއްޗެއް ނޫންކަމަށް ވިދާޅުވެފައެވެ.

"މިއީ ކަނޑައެޅިގެން ދޮގެއް. މިކަމާއިގުޅޭ ގޮތުން އަޅުގަނޑު ފާޑުކިޔާފައެއް ނުވާނެ. ޝުކުރުގެ ސަޖިދަ ކުރުމަކީ ސާބިތުވާ ކަމެއް. ވަގުތު އޮންލައިން އިން މިވަނީ ބޮޑު ބުހުތާނު ދޮގެއް ހަދާފައި. ޚަބަރާއިއެކު ގެނެސްދީފައިވާ ޓްވީޓަކީ ސަޖިދައާއި ގުޅުން ހުރި އެއްޗެއް ނޫން" ޑރ. އިޔާޒް ވިދާޅުވިއެވެ.

ވަގުތު އޮންލައިން ގައި ޑރ. އިޔާޒް ފާޑު ވިދާޅުވި ކަމަށް ބުނެ ގެނެސްދީފައިވާ ޓްވީޓްގައި އެ ބޭފުޅާ ވިދާޅުވެފައިވަނީ " ދެއްކުންތެރިކަމާއެކު ކުރާ އެއްވެސް ކަމެއް ﷲ ގަބޫލު ނުކުރައްވާނެ" މިހެންނެވެ. މި ޓްވީޓްގައި އެއްވެސް މީހަކަށް ރައްދުވާ ގޮތަށް ނުވަތަ ވަކި ކަމަކަށް އިޝާރާތް ކުރައްވާ އެއްވެސް އެއްޗެކޭ ވިދާޅުވެފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.