ފުވައްމުލަކު ސިޓީގައި، 500 ކޮޓަރީގެ ސިޓީ ހޮޓަލެއް ހަދަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ޒަމީރު ވިދާޅުވީ ވެރިކަމުގެ ދެ ވަނަ ދައުރަކަށް ރައީސް ޔާމީން ހޮވިވަޑައިގެންފި ނަމަ، ފުރިހަމަ ސިޓީއެއްގެ ގޮތުގައި ފުވައްމުލަކު ތަރައްގީ ކުރައްވާނެ ކަމަށާއި، 20 ބްލޮކް ހިމެނޭ ގޮތަށް ހަދާ 500 ކޮޓަރީގެ ގެސްޓް ހައުސް އަކީ އޭގެ ތެރެއިން ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ޒަމީރު ވިދާޅުވީ ބޭރުގެ ލޯނުގެ އެހީއާ އެކު 400 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ފުވައްމުލަކުގައި ފަށާ އިންޓަގްރޭޓެޑް ޓޫރިޒަމްގެ މި މަޝްރޫއުގައި 1،000 އެނދު ތަރައްގީ ކުރާނެ ކަމަށެވެ.
ފުވައްމުލަކުގައި ސިޓީ ހޮޓާ އަޅަނީ ކޮންފަރެންސްތައް ބޭއްވޭނެ ފަދަ ގޮތަކަށް، ކޮންވެންޝަން ސެންޓަރަކާ އެކު ކަމަށާއި، އޭގެ ސަބަބުން، އެތަނުގެ ބޭނުން ތަފާތު ގޮތަކަށް ޓޫރިސްޓުންނަށް ހިފޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"މި މަސައްކަތް ފަށާތާ ފަސް މަސް ތެރޭގައި ނިންމާލެވޭނެ. މިއާއެކު މަސައްކަތް ފެށުމުން އިމާރާތް ކުރުމުގެ ދާއިރާގެ ތެރެއިން ވެސް ވަޒީފާތަކެއް އުފެދިގެންދާނެ. ކުރިން މި ހަދާ ގޮތަކީ ބޮޑު އިންވެސްޓަރެއް ގޮސް ގިނަ ވަސީލަތްތައް މި ހަދަނީ. ނަމަވެސް ރައީސް ނިންމަވާފައި ވަނީ އިންޓަގްރޭޑެޓް ޓޫރިޒަމް ތަރައްޤީ ކުރަން. މީގެ ސަބަބުން ބައިވަރު ޕްލޮޓްތަކެއްގައި ތަރައްގީ ކުރެވިގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.