Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ހަސަން ލަތީފް ފުލުހަށް ހާޒިރުވުމަށް އަންގައިފި

ހަސަން ލަތީފް - ފޮޓޯ: އަވަސް

އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހަސަން ލަތީފް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ހަސަން ލަތީފް ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00 އަށެވެ.

އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ "ވަގު ތެޔޮ ސްޕެޝަލް" ނަމުގައި އެމްޑީޕީގެ ފަރާތުން ރިޕޯޓެއް ތައްޔާރުކޮށް މިހިނގާ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރާއްޖެޓީވީ މެދުވެރިކޮށް އެ ރިޕޯޓާ ބެހޭ މައުލޫމާތު މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރި މައްސަލައާއި ގުޅިގެންނެވެ.

ރާއްޖެޓީވީގެ މި އަމަލަކީ ޤާނޫނު ނަމްބަރު 11/2008 (އިންތިޚާބުތަކާއި ބެހޭ އާންމު ޤާނޫނު) އެއްވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 74 ވަނަ މާޢްދާގެ (ހ) ގެ 22 ވަނަ ނަމްބަރުގެ ދަށުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ފަރާތެއްގެ އިންތިޚާބީ ހައްޤަކަށް އުނިކަން އަންނަ ގޮތަށް އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި އެފަރާތާ ގުޅޭ ގޮތުން ދައްކާފައިވާ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށް ފެންނާތީ އެ މައްސަލަ ތަހުޤީޤުކޮށްދިނުމަށް އެދި ރިޔާސީ އިންތިޚާބާ ގުޅޭ ޝަކުވަތައް ބެލެހެއްޓުމަށްޓަކައި ޤާއިމް ކޮށްފައިވާ ޤައުމީ ކޮމްޕްލެއިންސް ބިއުރޯއިން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކާ ފޮޓޯ އާއި ލިޔުން އެ ރިޕޯޓްގައި ޝާއިއުކޮށްފައިވާ ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.