Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ނަވާޒް ޝަރީފާއި ދަރިކަނބަލުން ދޫކޮށްލަން ކޯޓުން އަމުރުކޮށްފި

ނަވާޒް ޝަރީފް އާއި އޭނާގެ ދަރިކަނބަލުން މަރިޔަމް - ފޮޓޯ: ރޮއިޓާސް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އާއި އޭނާގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް މިނިވަންކުރުމަށް އެޤައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.

ލަންޑަނުން ގަތް ހަތަރު ލަގްޒަރީ ފްލެޓާ ގުޅިގެން އޭނާގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާތައް ސާބިތުވާ ކަމަށް ބުނެ، އޭނާ 10 އަހަރަށް ޖަލަށް ލާން އެޤައުމުގެ ކޯޓަކުން ޙުކުމްކުރީ ޖުލައި މަަހުގެ 6 ވަނަ ދުވަހު އެވެ. ނަވާޒް ޝަރީފްގެ އިތުރުން އޭނާގެ ދަރިކަނބަލުން އަދި ދަނބިދަރިކަލުންގެ މައްޗަށްވެސް ވަނީ ޖަލު ޙުކުމެއް އައިސްފަ އެވެ.

މީގެ އިތުރުން ނަވާޒް ޝަރީފް އަށް މިލިއަން ޕައުންޑޫން ޖޫރިމަނާކޮށްފައިވާއިރު، މަރްޔަމް ޖޫރިމަނާކޮށްފައި ވަނީ ދެ މިލިއަން ޕައުންޑުންނެވެ.

ޙުކުމް ކުރި އިރު ނަވާޒް ޝަރީފް ހުންނެވީ އަނބިކަނބަލުންގެ ބޭސް ފަރުވާ އަށް ލަންޑަނުގަ އެވެ. އެހެންނަމަވެސް އޭނާ އާއި މަރްޔަމް އެނބުރި ޕާކިސްތާނަށް ވަޑައިގަތުމުން، އެއާޕޯޓުން އެމީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އިސްލާމްއާބާދުގެ ހައިކޯޓުން ނަވާޒާއި ދަރިކަނބަލުން ދޫކޮށްލަން އަމުރުކޮށްފައިވާއިރު ނަވާޒުގެ އަނބިކަނބަލުން ކުލްސޫމް ނަވާޒުގެ އަވަހާރަވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ކުލްސޫމްގެ ޖަނާޒާއަށް ފިރިކަލުން ނަވާޒު ޝަރީފާއި ދަރިކަނބަލުން ވަނީ ޕެރޯލްގެ ދަށުން ޖަލުން ނެރެ ޖަނާޒާގައި ބައިވެރިކުރައްވާފައެވެ.