Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް 35،000 ރުފިޔާ

ސާފް ސުޒުކީ ކަޕް 2018ގެ ޗެމްޕިއަންކަން ހޯދި ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމްގެ ކޮންމެ ކުޅުންތެރިޔަކަށް އިނާމެއްގެ ގޮތުގައި 35،000 ރުފިޔާ ދޭން ސަރުކާރުން ނިންމައިފި އެވެ.

މިގޮތަށް ސަރުކާރުން ނިންމާފައި ވަނީ ރީޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފަހު، ސަރުކާރުން ވަނީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުން މެޑަލް ގެންނަ އެތުލީޓުންނާއި ގައުމީ ޓީމުތަކަށް ފައިސާގެ އިނާމު ދިނުމަށް ކަނޑައެޅި އުސޫލުގެ ދަށުންނެވެ.

އެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ރަން މެޑަލް ހޯދާ ޓީމުތަކުގެ ކޮންމެ ކުޅުންތެރިއަކަށް 35،000 ރުފިޔާގެ ފައިސާގެ އިނާމް ދެވޭނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން މުބާރާތަށްފަހު ރާއްޖެ އައިސްފައި ވަނީ އިއްޔެ އެވެ. އެގޮތުން އެ ކުޅުންތެރިން ރާއްޖެ އައީ ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު ކަމަށްވާ އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ380 މަރުކާގެ ފްލައިޓް އިންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ އަށް ޖެއްސި އެ ބޯޓުން އައި ޓީމަށް ވީއައިއޭ ގައި މަރުހަބާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އެވެ.

ސާފް ސުޒުކީ ކަޕް ރާއްޖެއިން ކާމިޔާބު ކުރީ މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފައިނަލު މެޗުގައި އިންޑިއާގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.