Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ވީއައިއޭގައި ހަތަރު ފްރެންޗައިސް ރެސްޓޯރަންޓް ހުޅުވައިފި

ވެލާނާ އެއާޕޯޓުގައި ހަތަރު ފްރެންޗައިސް ރެސްޓޯރަންޓް މިނިސްޓަރު ހުޅުއްވައިދެއްވަނީ - ފޮޓޯ: ޓްވިޓާ (އެމްއޭސީއެލް)

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް ހެދި ވޯޓާ ފްރަންޓް އިމާރާތުގައި ދުނިޔޭގެ މަޝްހޫރު ހަތަރު ފްރެންޗައިސެއްގެ އައުޓްލެޓްތައް ހުޅުވައިފި އެވެ.

އެގޮތުން ވީއައިއޭ ވޯޓާ ފްރަންޓްގައި މިއަދު ހުޅުވާފައި ވަނީ ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) އާއި ޕިއްޒާ ހަޓްގެ އިތުރުންގެ ކޮސްޓާ ކޮދީ އާއި ހާވެސްޓް މާކެޓްގެ އައުޓްލެޓްތަކެވެ.

މިއީ ދުނިޔޭގެ މަޝްހޫރު ބްރޭންޑް ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް ރާއްޖެ އަށް ތައާރަފް ކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

މި ފްރެންޗައިސް ރެސްޓޯރަންޓުތައް ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށްވާއިރު، މިއަދުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާދިލް ވިދާޅުވީ ވޯޓާ ފްރަންޓު އިމާރާތް ނިމުމާއެކު، ދުނިޔޭގެ އެކިއެކި ބްރޭންޑުތައް އެއާޕޯޓުގައި ޚިދުމަތް ދޭން ބޭނުންވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އާ ޓާމިނަލް އިމާރާތް ނިމުމުން، އިތުރު ފްރެންޗައިސް ބްރޭންޑްތަކުގެ އައުޓްލެޓްތައް އެއާޕޯޓްގައި ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ވޯޓާ ފްރަންޓު އިމާރާތުގެ ތިރީގައި މާލެއާ ދެމެދު ދަތުރު ފެރީތަކަށް ޚާއްސަ ޒަމާނީ ޖެޓީތަކެއް ހަދާނެ ކަމަށެވެ.

އާދިލް ވަނީ އެއާޕޯޓު ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީން ދެއްވާ ހާއްސަ އިސްކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އެއާޕޯޓަށް އަންނަ ތަރައްޤީތަކުގައި ފްރެންޗައިސް ރެސްޓޯރަންޓަކީ އެއް ބައި ކަމަށެވެ. އަދި އާ ޓާމިނަލް ނިމުމާއެކު، ޑިއުޓީ ފްރީގެ ކޮމާޝަލް އޭރިއާ މިހާރަށްވުރެ ގާތްގަނޑަކަށް ހަތަރު ގުނައަށް އިތުރުވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން މިހާރު ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ.