Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

ރިޔާޒް ބަންދުން މިނިވަން ކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

ކުރީގެ ސީޕީ އަދި ޖޭޕީގެ ނައިބު ލީޑަރުކަން ކުރެއްވި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރ، އަބްދުﷲ ރިޔާޒްގެ މައްޗަށް އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުވެ ނިމިފައިވާތީ، އޭނާ މިވަގުތު ހައްޔަރުކޮށްފައި ހުންނެވީ ޣައިރު ޤާނޫނީ ބަންދެއްގައި ކަމަށް ކަނޑައަޅައިދިނުމަށް ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ރިޔާޒްގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހައިކޯޓުން ރިޔާޒުގެ މައްޗަށް ކޮށްފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ތަންފީޒުކޮށް ނިމިފައިވާތީ، ރިޔާޒު މިވަގުތު ޖަލު ބަންދުގައި ބަހައްޓާފައި ހުންނެވީ ޤާނޫނާ ޚިލާފަށް ކަަމަށް ޤަބޫލުކުރެވޭތީ ހެބިއަސް ކޯޕަސްގެ މައްސަލައެއް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަމުން މި ދަނީ އިންތިޚާބުގެ ކުރިން ރިޔާޒު މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާނެ ކަމަށް." އެ ބަޔާނުގައިވެ އެވެ.

ރިޔާޒް ހައްޔަރުކޮށްފައިވަނީ އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހުގައެވެ. އަދި އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެޕްރީލް މަހުގެ 24 ވަނަ ދުވަހުގައެވެ.

މި ޙުކުމް އިއްވާފައިވަނީ ފުލުހުންނަށް ރިޔާޒުގެ ޕިންކޯޑު ދީފައި ނުވާ މައްސަލާގައި ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން އިއްވި ހުކުމް ބާތިލްކުރުމަށްފަހު އެވެ. ރިޔާޒުގެ މައްޗަށްވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ދައުވާއާއި ޓެރަރިޒަމްގެ ދައުވާވެސް ކްރިމިނަލް ކޯޓްގައި އުފުލާފައެވެ.