Last Updated: April 20, 09:35
Saturday, April 20, 2024
ޚަބަރު

"ރައީސް ޔާމީން އިންތިޚާބުކޮށްދިނުމަށް އެދުނީތީ މަޢާފަށް އެދެން، ކައްފާރާ މިދައްކަނީ ފުރާނައިން"

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު - ފޮޓޯ: މުހައްމަދު ޝަރުހާން (ރާއްޖެއެމްވީ)

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރައީސްކަމަށް އިންތިޚާބު ކުރުމަށް މަސައްކަތް ކުރުމަކީ ހެއްދެވުނު ބޮޑު ގޯހެއް ކަމަށާއި، އެކަމަށްޓަކައި ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށް މިހާރު ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު ވިދާޅުވެއްޖެ އެވެ.

ސިނާން ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ވަނީ އަނިޔާވެރިކަމަކީ މަޖަލަކަށް އަދި ބޭއިންސާފަކީ އުފަލަކަށް ހަދާފައި ކަމަށެވެ. ސިނާން ވިދާޅުވީ މިހާރު ތަޖުރިބާ ކުރައްވަމުން ގެންދަވަނީ މީގެ ފަސް އަހަރު ކުރިން، އަމިއްލަ އަތުން ލެވުނު ވޯޓުގެ ހިތި ރަހަ ކަމަށެވެ.

"އެދުވަހު މައްޗަންގޯޅި ދެކުނުގެ ރައްޔިތުންނަށް ސިޔާސީ ހެޔޮ މަގު ދެއްކުމުގެ ބިޔަ، އަދި ބޮޑު ޒިންމާ ކޮނޑުއަޅައިގެން ނިކުމެ ހުރި މީހަކީ ނިކަމެތި އަޅުގަނޑެވެ. އެދުވަހުވެސް އަޅުގަނޑުގެ ނިޔަތް ރަނގަޅެވެ. އަދި އަޅުގަނޑުގެ މަޤްސަދުވެސް މަތިވެރިއެވެ. އެދުވަހުވެސް އަދި މިއަދުވެސް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން އެދުނީ، މައްޗަންގޯޅި ދެކުނުގެ ރައްޔިތުންނަށް އުފާވެރިކަމާއި އުންމީދާއި ހިތްހަމަ ޖެހުމުން ފުރިގެންވާ ފާގަތި ދުވަސްތަކެކެވެ. އަޅުގަނޑު ތިބޭފުޅުންގެ ކިބައިން މަޢާފަށް އެދެމެވެ."، އެ ބަޔާނުގައި ވެއެވެ.

"މިއަދު މި އަނިޔާވެރިކަމުގައި މި ހަމަހިމޭން މާފުށީ ކުޑަގޮޅީގައި، އަނިޔާވެރިކަމާއި ބޭއިންސާފުގެ ދުވަސްތައް ފާއިތުވަމުންދާއިރު، އަޅުގަނޑުގެ ސިންގާއެއް ފަދަ ވަރުގަދަ ހިތަށް ދަތިކުރުވާ އޮތީ ހަމަ އެންމެ ކަމެކެވެ. އަޅުގަނޑުގެ ދެރަވަނީވެސް ހަމަ އެންމެ ކަމެއް އަޅުގަނޑަށް އިހުސާސް ކުރެވޭ ހިނދުގައެވެ،" ސިނާނު ވިދާޅުވެފައި ވެއެވެ.

އެއީ "ރަހުމެއް ނެތް ސަރުކާރުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް" ރައްޔިތުން ވުމަށް މެދުވެރި ސަބަބަކީ އޭނާ ކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.

މިއަދު އޭނާގެ ހާލު ހުރި ގޮތުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް އެބައޮތްތޯ ސުވާލު ކުރައްވަމުން ސިނާނު ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މެދު އަމަލުކުރަމުންދާ ގޮތް ވަޒަން ކޮށްލުމުން އޭނާއާ މެދު ކަންހިނގާނެ ގޮތް ތަސައްވަރުކުރަން ފަސޭހަވާނެ ކަމަށެވެ.

"އެހެން ކަން އޮތް ނަމަވެސް މި އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީ އަޅުގަނޑު ހިތްވަރު ކުރާނަމެވެ. ތިޔަލޮބުވެތި ރައްޔިތުންގެ ހައްގު ހޯދުމަށް އަޅުގަނޑު މިކުރާ މަސައްކަތުގައި ދެގޮތެއްނުވެ ސާބިތުވެ ހުންނާނަމެވެ. އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީ ދުވަހަކު ވެސް ކަނދުރާ ތިރި ނުކުރާނަމެވެ،" އެ ބަޔާނުގައި ވެއެވެ.

ސިނާނު ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވައި ހެއްދެވުނު ގޯހުގެ ކައްފާރާ ދައްކަމުން ގެންދަނީ އޭނާގެ ފުރާނައިން ކަމަށާއި އެހެން ނަމަވެސް މި ގޯހުގެ ސަބަބުން އުފަންވި ސަރުކާރުގެ ޝިކާރައަކަށް އެއްވެސް ރައްޔިތަކު ވުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ހެދުނު ގޯހުގެ ކައްފާރާ މިދައްކަނީ އަޅުގަނޑުގެ ފުރާނައިންނެވެ. މި ގޯހުގެ ބަނޑުން އުފަންކުރުވި ރައީސް ޔާމީނުގެ އަނިޔާވެރި ސަރުކާރުގެ ޝިކާރައަކަށް، މައްޗަންގޯޅި ދެކުނުގެ ހަމަ އެއްވެސް ރައްޔިތަކު ވުމަކީ އަޅުގަނޑުގެ ހިތްތަކަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑަށް އެކަމަށް ރުހި ގަބޫލެއް ނުވެވޭނެއެވެ." އެ ބަޔާނުގައި ވެއެވެ.

މިއަދު އަނިޔާއާ ކުރިމަތިލައްވަމުން ގެންދަވަނީ އޭނާ ކަމަށް ފާހަގަކުރައްވައި ސިނާނު ވަނީ އޭނާގެ އަޑު އަބަދަށް ކަނޑުވާލުމަށް ފަހު ދެން އަނިޔާވެރިކަމުގެ ޝިކާރައަކަށް ވާނީ ކާކުތޯ ސުވާލު ކުރައްވާފައެވެ.

"އެކަމުގެ ޝިކާރައަކަށް ވާނީ ތިޔަ ލޮބުވެތި ރައްޔިތުންގެ ލޯބިވާ ބައްޕައިންނާއި ބޭބެއިންނެވެ. ލޯބިވާ ކޮއްކޮ އިންނާއި ދައްތައިންނެވެ. ލޯބިވާ ފިރިންނާއި ދެލޯ ފަދަ ދަރީންނެވެ." ސިނާނު ވިދާޅުވެފައިވެއެވެ.

ސިނާނު ވިދާޅުވީ މި އަނިޔާވެރިކަމާއި ބޭއިންސާފަށް ކެރިގެން ނޫނެކޭ ބުނަންޖެހޭ ކަމަށާއި 2013 ވަނަ އަހަރު ހެދުނު ބޮޑު ގޯސް އިސްހާލުކުރަން ތަނަވަސް ފުރުސަތެއް މިއަދު ފަހިވެފައިވާ ކަމަށެވެ.

ބުއްދިވެރިންނަކީ މާޒީން އިބްރަތް ހާސިލްކޮށް މުސްތަގުބަލް ބިނާކުރާ މީހުން ކަމަށް ފާހަގަކުރައްވަމުން ސިނާނު ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް އަޅައިދިނުމަށް އެދިވަޑައިގަންނަވާފައެވެ.