Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ގެޒެޓްކުރި ލިސްޓްގައި ނަން ނެތް މީހަކަށް އިންތިޚާބުގައި ވޯޓްލެވިގެން ނުވާނެ: އިދިކޮޅު

ހިސާން ހުސެއިން - ފޮޓޯ: ރާއްޖެއެމްވީ

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގެޒެޓްކުރި ވޯޓާސް ލިސްޓްގައި ނަން ނެތް އެއްވެސް ފަރާތަކަށް އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލެވިގެން ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޤާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި އޮންނަ ވޯޓާސް ލިސްޓްގައި ނަން ނެތަސް، އީސީގެ އިދާރީ މައްސަލައަކާއި ގުޅިގެން އެމީހެއްގެ ނަން ލިސްޓްގައި ނެތްކަމުގައި ވާނަމަ، އެމީހަކަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގެ އަޑުތައް އިވޭ ކަމަށެވެ.

އެހެންކަމުން، އެއްވެސް ސަބަބަކާހުރެ ގެޒެޓްކުރި ވޯޓާސް ލިސްޓްގައި ނަން ނެތް އެއްވެސް މީހަކަށް 23 ސެޕްޓެމްބަރުގައި ވޯޓުލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދީގެން ނުވާނެ ކަމަށް އެދިފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިނގޭ މީގެއިން އަޅުގަނޑުމެންގެ ބައެއް މީހުންނަށް ވެސް ވޯޓުނުލެވުމުގެ ޕޮސިބިލިޓީ އެބައޮތްކަން. އެކަމަކު ވަކި އުސޫލަކަށް އެންމެން ތަބާވާން އެބަޖެހޭ. އެ ދުވަހު ބައެއް މީހުންނަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާ މުޅިން އޮޅުންބޮޅުންގަނޑަކަށް ގޮސްގެން ހަމަނުޖެހުމަކަށް ދިއުމުގެ ފުރުސަތު އަޅުގަނޑުމެން ހުޅުވާލާކަށް ބޭނުން ނުވޭ"، ހިސާން ވިދާޅުވި އެވެ.

އަދި ރައްޔިތުންނަށް ވެސް ޔަޤީންކަމާއެކު ވޯޓުލެވޭނީ ވަކި ލިސްޓަކަށް ތަބާވެގެން ކަމަށް ހިސާން ވިދާޅުވި އެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އިން ބުނި ގޮތުގައި އެ ކޮމިޝަންގެ މެމްބަރުންގެ ޖަލްސާއެއްގައި ވަކި ވަކި މީހުންގެ މައްސަލަތައް ބެލުމަށްފަހު، އެމީހަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް އެ ކޮމިޝަނަށް ފެނިވަޑައިގަންނަވާނަމަ، އެ ފުރުސަތު ދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް އެކަމަށް އެއްބަހެއް ނުވެވޭ. އަޅުގަނޑުމެންގެ ނަޒަރުގައި ލިސްޓުގައި ނެތް މީހަކަށް އެ ދުވަހު އެއްވެސް ސަބަބަކާހުރެ ވޯޓުލެވިގެން ނުވާނެ"، ހިސާން ވިދާޅުވި އެވެ.

ސޮއިކުރި ވޯޓާސް ލިސްޓްގެ ކޮޕީއެއް އަދިވެސް ލިބިފައި ނުވާ ކަމަށާއި، އެ ލިސްޓްގައި ބައެއް މީހުންގެ ނަން ނެތުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން ގޮސްފައިވާ ކަމަށާއި، އެ ލިސްޓް ވެރިފައި ކުރުމުގެ އެއްވެސް ގޮތެއް ނެތް ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ އެކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލާ ދުވަހު ވޯޓުލާ ތަންތަނުގެ ބޭރުގަ އެންމެންނަށް ފެންނާނެ ގޮތަށް ސޮއިކުރި ލިސްޓު، ސޮއާއެކު ހަރުކޮށްފައި ހުންނާނެ ކަމަށެވެ. އަދި އެގޮތަށް އީސީ އިން ޢަމަލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.