Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

އިބޫ އާއި ފައިސަލް އަށް ފުވައްމުލަކުން ވަރަށް ހޫނު މަރުޙަބާއެއް!

ފުވައްމުލަކުން އިއްތިހާދު ކެންޑިޑޭޓާއި ރަނިން މޭޓަށް މަރުޙަބާ ދަންނަވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިން މޭޓް، ފައިސަލް ނަސީމް ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި އެވެ.

އިބޫ އާއި ފައިސަލް ފުވައްމުލަކަށް ވަޑައިގެންފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. އެ ދެ ބޭފުޅުންނަށް ފުވައްމުލަކުގައި ދިރިއުޅޭ އިއްތިހާދުގެ ސަޕޯޓަރުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ.

މި ދަތުރުފުޅުގައި އިބޫ އާއި ފައިސަލް ފުވައްމުލަކު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭ 21:00 ގައި އެ ރަށުގައި އިއްތިހާދުގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިބޫ އާއި ފައިސަލް، ކެމްޕޭންގެ ފަހު މަންޒިލެއްގެ ގޮތުގައި އައްޑޫ ސިިޓީއަށް ވަޑައިގަންނަވާނެ އެވެ. އަދި އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު އައްޑޫ ސިޓީގައި ވެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އިބޫ ކެމްޕޭން ފެއްޓެވީ ވެސް އައްޑޫ އާއި ފުވައްމުލަކުން އެވެ. ނިންމަވާލައްވަނީ ވެސް އެދެ ރަށުން އެވެ.

އައްޑޫ ސިޓީއަކީ އިދިކޮޅުގެ ސަޕޯޓަރުން ވަރަށް ގިނައިން ތިއްބެވި ސިޓީއެކެވެ. އެމަންޒަރު ރައީސް ޔާމީން ވަޑައިގެންނެވި ދަތުރުގައި އެ މަނިކުފާނަށް ފެނިވަޑައިގެން ހިތްޕުޅު ހަމަޖެހިވަޑައިގެން އުޅުއްވި މަންޒަރުތައް ވެސް ވަނީ ފެނިފައެވެ.

ފުވަމުލަަކާއި އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ފަހު އިބޫ ކެމްޕެއިން ދަތުރުފުޅުތައް ނިންމަވާލައްވައި، އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުގަ އެވެ. އެއަށްފަހު ހޮނިހިރު ދުވަހުގެ ރޭ އިއްތިހާދުގެ ރެލީއެއް ކާނިވާ ސަރަޙައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިބޫ އާއި ފައިސަލް މިހާތަނަށް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 180 އަށް ވުރެ ގިނަ ރަށަށް ދަތުރު ކުރައްވާ ރައްޔިތުންގެ އަޑު އައްސަވާ، ރައްޔިތުންގެ ހާލު ވަރަށް ގާތުން ބައްލަވާފައެވެ. އިބޫ އާއި ފައިސަލް ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ވެސް ވާހަކަފުޅު ދައްކަވަމުން އެ ރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުއްދައިދިނުމަށާއި އެކި ވައުދުތައް ވެވަޑައިގަންނަވަ އެވެ. އިބޫ ވިދާޅުވަނީ އެ ދަތުރުތަކުން ގިނަ ކަންކަން އެނގިއްޖެ ކަމަށާއި ރައްޔިތުން ތިބީ ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރު ނިންމައި އަމާން ބަނދަރަކަށް ދިޔުމަށް ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ.