Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

އާދީއްތަ ދުވަހު އިންސާފުގެ މަގަށް އަޅުގަނޑުމެން މި ގައުމު ދީލާލާނަން: ފަލާހް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުވައްމުލަކު ސިޓީގައި ބާއްވާ ޖަލްސާގައި ފުވައްމުލަކު ސިޓީގެ މޭޔަރ ފަލާހް ވާހަކަ ދައްކަވަނީ: ފޮޓޯ: އެމްޑީޕީ ސެކްރެޓޭރިއެޓް ޓްވީޓާ

23 ސެޕްޓެމްބަރު 2018 ވާ އާދީއްތަ ދުވަހު އިންސާފުގެ މަގަށް މި ގައުމު ދީލާލާނެ ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރ ޢަބްދުﷲ ފަލާހް ޝަރީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބާއްވަމުން ގެންދަވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ ފުވައްމުލަކުގެ ތަރައްޤީއަށް 1.2 ބިލިއަން ރުފިޔާ ހަރަދުކުރި ވާހަކަ ޒީލަގަދަ އަޑަކުން ބުނަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް މޮޑަން ސިޓީއެއްގެ ލަގަބު ދީފައިވާ ފުވައްމުލަކުގެ ހާލަތަށް ބަދަލު ގެނުވީ ކޮން މަޝްރޫއަކުންތޯ ފަލާހް ވަނީ ސުވާލު ކުރައްވާފައެވެ.

އެކި ދާއިރާތަކަށް ކުރުގޮތަކަށް އަލިއަޅުއްވާލައްވަމުން ފަލާހް ވިދާޅުވީ ތައުލީމީ ދާއިރާއަށް ގެނުވި ތަރައްގީއެއް ފެނިފައިނުވާކަމަށެެވެ. ތައުލީމީ ނިޒާމް ދަށްވުމުގެ ސަބަބުން ރަށުން ބޭރަށް ކިޔަވަންދާ މީހުން ދަނީ އިތުރުވަމުން ކަމަށެވެ. ސިއްހީ ދާއިރާއަށް އައި ބަދަލެއް ނެތް ކަމަށެވެ.

16 ބުރީގެ އިމާރާތެއް ލިބުނީ ކޮން ރައްޔިތަކަށްތޯ އާއި ޖީބު ބޮޑުވީ ކާކުގެތޯ ފަލާހް ވަނީ ސުވާލު ކުރައްވާފައެވެ. އެތައް މައްސަލަތަކެއް ފުވައްމުލަކުން ފެންނަން ހުރިކަން ފާހަގަ ކުރައްވާ ފަލާހް ވިދާޅުވީ ތައުލީމީ ނިޒާމާއި، ސިއްހީ ނިޒާމުގެ މައްސަލަތަކާއި މަސްވެރިންނަށް އައިސް ނުލިބުމުގެ މައްސަލައިގެ އިތުރުން، ކުށުގެ ވެށި އޮތީ ހަމަ އެހެން ކަމަށެވެ.

5 އަހަރު ތެރޭ އެއްވެސް ބަދަލެއް ފުވައްމުލަކަށް އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފިނިކޮޓަރީގައި އުޅުއްވާފަ ނިކުމެ ވަޑައިގެން ރައްޔިތުންނަށް ބަވަނީ ރައީސް ޔާމީން ކޮން ހައްގެއް އޮވެގެންތޯ ފަލާހް ސުވާލު ކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.