Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ފުވައްމުލަކު ހުރިހާ މަގެއްގާ ތާރުއެޅި ޒަމާނީ ފެންވަރަކަށް ހެދޭނެ: އިބޫ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުވައްމުލަކު ސިޓީގައި ބާއްވާ ޖަލްސާގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ ވާހަކަ ދައްކަވަނީ

ފުވައްމުލަކު ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް އިއްވަވާ އުއްމީދީ ވާހަކަތަކެއް ދައްކަވާ، ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކަމަކަށް ފުވައްމުލަކު ހުރިހާ މަގެއްގާ ތާރުއެޅި ޒަމާނީ ފެންވަރަކަށް ހެދޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެފައެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބާއްވަމުން ގެންދަވާ ޖަލްސާގައި ބައިވެރިންނާއި މުހާތަބް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އިބޫ ވިދާޅުވީ މި ވޭތުވެދިޔަ 25 އަހަރުވެސް އެ މަނިކުފާނު ދެއްކެވީ އެ މަނިކުފާނުގެ އަސްލު ސޫރަ ކަމަށެވެ. ރައްޔިތުންނަށް ދެރައެއް ނުދެއްވާނެ ކަމަށާއި ރައްޔިތުންގެ ލޯލާރިއެއްގައިވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހުރިހާ މަގެއްގައި ތާރު އެޅުމުގެ އިތުރުން ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. ފުވައްމުލަކުގައި ފަތާ ފެންގަނޑެއް ހައްދަވާ ދެއްވާ ބަނދަރުގެ ހާލަތު ރަނގަޅުކޮށް ދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ފަތުރުވެރިކަން ފުޅާކުރުމަށް އެރަށުގައި 1000 އެނދު ތަރައްގީ ކުރެވިގެންދާނެ ކަމަށާއި، ސިޓީ ހޮޓަލެއްވެސް އެޅިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. މީގެ އިތުރުން ޤުރުއާނާއިބެހޭ މަރުކަޒު ތަރައްޤީ ކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި އެއަރކޮންޑިޝަން ކުރެވެން ހުރި ހުރިހާ މިސްކިތެއް އެއަރކޮންޑިޝަން ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އެކަން ކުރެވިގެން ދާނީ އިއާދަކުރަނިވި ހަކަތައިން ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. ފުވައްމުލަކުގައި ރަނިން ޓްރެކް އަކާއިއެކު ފުޓްބޯޅަ ދަނޑެއް ހެދޭނެ ކަމަށާއި، ވޮލީ، ބާސްކެޓް އަދި ބެޑްމިންޓަން ކުޅެވޭނެ އިންޑޯ ހޯލެއް ހެދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ފުވައްމުލަކު ޖަލްސާެގެ ތެރެއިން

އުފާވެރި އެތައް ޚަބަރެއް ވިދާޅުވަމުން އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ދަނޑުވެރިންނަށް ދިން ސަބްސިޑީ އަލުން ދެވޭނެ ކަމަށެވެ. މީގެ އިތުރުން އައިސީޓީ ދާއިރާއިން ޒުވާނުން ތަރައްގީ ކުރުމަށް ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީއެއް ފުވައްމުލަކުގައި ގާއިމް ކުރެވޭނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނެފި ކަމަށެވެ. އެހެންކަމުން ދެން ތަންތަނަށް ގޮސް ތިމަންނަ އަށް ވޯޓުދޭށޭ ބުނުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމަށާއި، ރަނގަޅު ގޮތަކީ އަވަހަށް ދުރަށް ވަޑައިގެން ރައްޔިތުންނަށް މިކަން ހަވާލުކުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. 23 ސެޕްޓެމްބަރުގައި ރައީސް ޔާމީން ގަބޫލަސް ނުގަބޫލަސް ރައްޔިތުން އެކަން ހާމަކުރާނެ ކަމަށާއި، ވޯޓަކީ ނޫޓަށް ގަނެވޭނެ އެއްޗެއް ނޫންކަން ރައްޔިތުން ހާމަކޮށްދޭނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

"ރާއްޖެ އޮތްގޮތް ވަރަށް ސާފު. ފުވައްމުލައް އޮތްގޮތް ވެސް ވަރަށް ސާފު. ކުރަންވީ ކަމަކީ ހެނދުނު ހެނދުނާ ނުކުމެ ވޯޓު ފޮށިތައް ފުރާލުން" އިބޫ ވިދާޅުވިއެވެ.

ރައްޔިތުން ނިންމާ ނިންމުން ބަދަލު ކުރާނެ މުއައްސަސާއެއް ނުހުންނާނެ ކަމަށާއި، އެ ދުވަހު ރައްޔިތުންގެ ވެރިކަމެއް އަނެއްކާ ވެސް ގާއިމްވެގެން ދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.