Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފުވައްމުލަކަށް ފޮނުވި ސިޓީއުރާގައި އޮތީ 500 ރުފިޔާގެ އެންމެ ނޫޓެއް: ޝާހިދު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުވައްމުލަކު ސިޓީގައި ބާއްވާ ޖަލްސާގައި ޢަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ

މޮޑަރން ސިޓީގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީން ފުވައްމުލަކަށް ފޮނުވީ ސިޓީ އުރައެއް ކަމަށާއި އެ ސިޓީ އުރައިގާ އޮތީ 500 ރުފިޔާގެ އެންމެ ނޫޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކަކީ މޮޑަން ސިޓީއެއް ކަމަށް ސަރުކާރުން ވިދާޅުވާއިރު މޮޑަން ސިޓީއަކަށް ވީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. 1.2 ބިލިއަން ރުފިޔާގެ ތަރައްގީ ރަށަށް ގެނެސްފައިވާ ކަމަށް ވިދާޅުވާ ބަސްފުޅަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ 1.2 ބިލިއަން ރުފިޔާ ފެންނަން ނެތް ކަމަށާއި ބިމުގެ އަޑިޔަށް ދިޔަގޮތެއް ހޯދަންޖެހޭ ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވިއެވެ. އެ ބޭފުޅުން ނިކުމެ ތިއްބެވީ ފުވައްމުލައް މޮޑަން ސިޓީއަކަށް ހައްދަވަން ކަމަށާއި އެކަން ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ބޭއްވި ޖަލްސާގެ ތެރެއިން — ފޮޓޯ: ރާއްޖެ.އެމްވީ

ފެނާއި ނަރުދަމާގެ ވާހަކަ ދައްކަވަމުން ޝާހިދުވަނީ ހަމަގައިމުވެސް އެއްވެސް ގެއަކަށް އެ ވިދާޅުވާ ހޮޅިއަކުން ފެން ނުލިބޭ ކަމަށް ވިދާޅުވެފައެވެ. އަދި ނަރުދަމާގައި ހިނގާ ނަޖިހެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވޯޓުލުމަށް ބޭނުންކުރާ އައިޑީ ކާޑާއި، ޕާސްޕޯޓް ފަދަ ތަކެއްޗަށް ރަނގަޅަށް ސަމާލުވެ، އެ ތަކެތި ރައްކާކޮށްގެން ތިބުމަށް ޝާހިދު ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.

ވޯޓަށް ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު، ވޯޓުލާން ދާއިރު ބޭނުންވާނެ އައިޑީ ކާޑާއި، ޕާސްޕޯޓް އަދި ލައިސެންސް ކާޑަށް ރަނގަޅަށް ބަލަންޖެހޭކަމަށެވެ. އަދި ރަށުތެރެ ވަރަށް ބޮޑަށް ނާމާންވެފައިވާ ކަމަށާއި، ކުދިންގެ އައިޑީ ކާލަމުން ރަށު ތެރޭގައި ދުވާކަމަށް ޝާހިދު ވިދާޅުވި އެވެ.

ނިންމަވާލައްވަމުން ފުވައްމުލަކު ބަހުން ޝާހިދު ވިދާޅުވީ "އަފުން ވޯޓުން ޔާމީނު ތަޅައި ބަލިކެރަންނާ، އަފުން ވޯޓުން ޔާމީނު ތަޅައި ބަލިކެރަންނާ" މިހެންނެވެ.