Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ޗެލެންޖު ކޮށްފަ މި ދެންނެވީ ފުވައްމުލަކުން ލާހިކެއް ނޫން ކުރި ހޯދާކަށް: ފައިސަލް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ

ފުވައްމުލަކުން އެހެން ބަޔަކަށް ކުރި ހޯދަން ލާހިކެއް ނޫން ކަމަށް ޗެލެންޖު ކުރައްވާ ދަންނަވާ ކަމަށް އިދިކޮޅު ފުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ)ގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ބައިވެރިންނާއި މުހާތަބް ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ ފުވައްމުލަކު ރައްޔިތުންގެ ހިތްތަކާއި ކުޅެން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް، ފުވައްމުލަކުން ކުރި ހޯދާނީ އިއްތިހާދުން ކަމަށެވެ.

ފުވައްމުލަކުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ އެ ޖަލްސާއަކީ ފުވަމުއްލަކުގެ ތާރީހުގައި ވެސް އެންމެ މީހުން ބައިވެރިވި ސިޔާސީ އެއްވުން ކަމަށެވެ. އަދި ވިދާޅުވީ ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ސިކުނޑިއަށް ހެރެން ކުރާ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގެ ތެރެއިން

ރޭގެ ޖަލްސާއަކީ ފުވައްމުލަކުގެ މުޅި ތާޜީޚުގައި ގިނައަދަދެއްގެ ރައްޔިތުން އެއްތަނަކަށް ޖަމާވެތިބި ހަރަކާތް ކަން ފާހަގަ ކުރައްވާ އެކަމަށްޓަކައި ފައިސަލް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ފުވައްމުލަކުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ބަދަލުގައި ގިނަ ކަންކަން ފަހަތަށް ޖައްސައި ސިއްޚީ ޚިދުމަތްވެސް 5 އަހަރު ފަހަތަށް ޖައްސާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ޒުވާނުންނާއި ރައްޔިތުން ބައިބައިކޮށްގެން މުޖުތަމަޢުގެ ހަމަޖެހުން ނަގާލަން މަސައްކަތްތަކެއް ކޮށްފި ކަމަށް ވެސް ވިދާޅުވިއެވެ.

ފައިސަލް ވަނީ ވަޒީފާގެ ބިރުވެރިކަމުގައި އިސްލާހީ މަސައްކަތުގައި ބައިވެރިވާން ފަސްޖެހިފައި ތިބި ބޭފުޅުންވެސް މިދަނޑިވަޅުގައި ނިކުމެ ރާއްޖެ ބޭނުންވެފައިވާ ބަދަލު ގެނައުމަށް ނިކުތުމަށް އެދިވަޑައިގެންފައެވެ.

ހުރިހާ ބޭފުޅުން ވެސް 23 ސެޕްޓެމްބަރުގައި ގެންނަންވީ ވައްކަމާއި ފަސާދައިން މި ގައުމު އެއްކޮށް ފޮހެލެވޭނެ ފަދަ ލީޑަރެއް ކަމަށާއި އެ ލީޑަރަކީ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ފައިސަލް ވިދާޅުވިއެވެ. އެ ބޭފުޅުންގެ ސަރުކާރެއްގައި އަމާން އަދި ކުށްމަދުވެފައިވާ މުޖުތަމައު އެއް ގާއިމްކޮށް ދެއްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

އެ ޖަލްސާގައި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބޫ ވަނީ ފުވައްމުލަކު ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް އިއްވަވާ އުއްމީދީ ވާހަކަތަކެއް ދައްކަވާފައެވެ.