Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

އިދިކޮޅު މެނިފެސްޓޯގައި ހިމެނީ ކޮށްފައި ހުރި ކަންތައް: ޝަހީމް

ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައްޔިތުންނާ ހަމައަށް ގެނެސްދިން މެނިފެސްޓޯގައި އިސްލާމް ދީނުގެ ބާބުގައި ހިމަނާފައިހުރި ކަންތައްތަކުގެ 99 އިންސައްތަ އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ނިމިފައި އަދި ކޮށްދީފައި ހުރި ކަންތައްތައް ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި އިލްމުވެރިންނާއި މުފައްކިރުންނާއެކު ޑރ. ޝަހީމް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިދިކޮޅު މެނިފެސްޓޯގައި ދީނީ ގޮތުން ގިނަ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވައުދު ވެފައިވި ނަމަވެސް އެއީ މިސަރުކާރުން ނިންމާފައި ހުރި ކަންތައްތް ކަމަށެވެ.

ސަރުކާރުގެ މެނިފެސްޓޯއާއި އިދިކޮޅު އިއްތިހާދުގެ މެނިފެސްޓޯ އަޅާ ކިޔާލާއިރު އިދިކޮޅު މެނިފެސްޓޯގައި ވަނީ ތަފާތު 14 ވައުދެއް، އިސްލާމް ދީން ކުރިއެރުވުމާއި ހިމާޔަތް ކުރުމަށް ހިމަނާފައެވެ. ސަރުކާރު މެނިފެސްޓޯގައި ވަނީ އެންމެ ހަތަރު ކަމެވެ.

އެގޮތުން އިބޫ ސޯލިހްގެ ވެރިކަމެއްގައި އިސްލާމީ އުސޫލުތަކުގެ ތެރެއިން ދައުލަތް ހިންގުމަށް ވައުދު ވެފައިވާއިރު ރައީސް ޔާމީން ވެސް ވަނީ އެ ވައުދުވެވަޑައިގެންފައެވެ. އިބޫ، މިސްކިތް ހިންގުން ހަރުދަނާ ކުރާނެ ކަމަށް ވައުދުވެފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި މިސްކިތްތަކަށް އަޅާނުލެވި ދޫކޮށްލާފައިވާ ކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް އައްޑޫގެ މިސްކިތްތަކަށް ވަނީ މަރާމާތު ކުރުމާއި އާބާތުރަ ފިލުވުމުގައި ވަރަށް ބޮޑަށް އިހުމާލު ވެފައެވެ.

އިބޫ ވަނީ ކޮންމެ މިސްކިތެއްގައި މިސްކިތުގެ ހުރުމަތް ނުކެނޑޭނެ ފަދައިން ތައުލީމީ އަދި އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ދޭނެ ކަމަށް ވައުދުވެފައެވެ. އަދި ސްލާމީ ތަޢުލީމުގެ ރޮނގުން ޔުނިވަސިޓީ ޑިގްރީ ހާސިލް ކޮށްފައިވާ އިމާމުން މިސްކިތްތަކަށް ހަމަޖެއްސުމާއި ޒަކާތް ނެގުމާއި ބެހުން، ގާނޫނެއްގެ ދަށުން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުން ވެސް މެނިފެސްޓޯގައި ލިޔެފައެވެ.

ވަގްފު ފަންޑުތައް އުފައްދައި، އެ ބެލެހެއްޓުން ހަރުދަނާ ކުރުމަށް ގާނޫނީ ނިޒާމެއް ގާއިމްކުރަން އިބޫ ވައުދުވެވަޑައިގެންފައިވާއިރު މިސަރުކާރުގެ ފަސް އަހަރު ދުވަސް ތެރޭގައި ޒަކާތު ފަންޑުގެ ބޭނުން ނަހަމަ ގޮތުގައި ހިފިކަމުގެ ތުހުމަތުތައް ކުރެވިފައިވެއެވެ.

ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި ބައެއް ނުކުތާތަކަށް ބަލާލާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އިސްލާމިކް ބޭންކިން ތައާރަފް ކުރުމާއި މީހުން ގިނަ ހުރިހާ ސަރަހައްދެއްގައި އިސްލާމީ މަރުކަޒެއް އަޅާނެ ކަމަށް ވައުދުވެފައިވެއެވެ. މީގެ އިތުރުން ދިވެހިންގެ ދީނުގެ ގޮތުގައި އިސްލާމް ދީން ހައްދަވާނެ ކަމަށާއި އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.