Last Updated: June 10, 18:05
Wednesday, June 10, 2026
ސިޔާސީ

"އައްޑޫގައި އަޅަން އުޅުނީ 200 އެނދުގެ ހޮސްޕިޓަލެއް"

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި 200 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމި ކަމަށާއި ނަމަވެސް "ބަޢާވާތަކުން" ސަރުކާރު ވައްޓާލުމަށް ފަހު، އަޅަން ކިޔަނީ 100 އެނދުގެ ހޮސްޕިޓަލެއް ކަމަށް ރައްޔިތުންގެ މަޖަލީހުގެ ސ. ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މޯޑް) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޯޑް ވިދާޅުވީ 200 އެނދުގެ ހޮސްޕިޓަލް އެޅުމަށް ބޭރުން ފައިސާ ވެސް އޮތީ ލިބޭ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް ވެރިކަން ވައްޓާލައި 200 އެނދުގެ ހޮސްޕިޓަލް 100 އެނދަށް ބަދަލުކޮށްފައިވާ ކަމަށް މޯޑް ވިދާޅުވި އެވެ.

އައްޑޫގައި ހަދަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް އޯޕެކް ފަންޑު ފޯ ޑިވެލޮޕްމަންޓް (އޯފިޑް) އިން 129 މިލިއަން ރުފިޔާގެ ލޯނަކާއި ސައުދީ ސަރުކާރުން 12.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 192.7 މިލިއަން ރުފިޔާ)ގެ ލޯނެއް ލިބިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިދިޔަ އަހަރު ބުނެފައިވެ އެވެ.

އެހެން ނަމަވެސް މި މަޝްރޫއާ ގުޅޭ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ދާ ތަނެއް ނުފެ އެވެ.

އައްޑޫގައި އެމްޑީޕީ ސަރުކާރުން 200 އެނދުގެ ހޮސްޕިޓަލެއް އަޅަން އުޅުނު ކަމަށް މޯޑް ވިދާޅުވި ނަމަވެސް، 200 އެނދުގެ ހޮސްޕިޓަލެއްގެ ވާހަކަ މީގެ ކުރިއަކުން އެއްވެސް ބަޔަކު ދައްކާފައިވާ އަޑެއް އިވިފައެއް ނުވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވެސް ދައްކަމުން ގޮސްފައި ވަނީ 100 އެނދުގެ ހޮސްޕިޓަލެއްގެ ވާހަކަ އެވެ. މި ހޮސްޕިޓަލަކީ 2005 ވަނަ އަހަރުން ފެށިގެން އައްޑޫގައި އިމާރާތް ކުރަން ޕްލޭންކޮށްފައިވާ ހޮސްޕިޓަލެކެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އިއްޔެ ފޭދޫ ސްކޫލްގައި ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ އެ ޕާޓީގެ ސަރުކާރެއްގައި އައްޑޫގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެެއް ގާއިމުކޮށް ދެެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.