Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ދެ ފަނޑިޔާރުން މިނިވަން ކުރާނަން: އިބޫ

ފެބްރުއަރީ 5 ވަނަ ދުވަހު ދިވެހި ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ސުޕްރީމް ކޯޓުގެ ފުރާޅު ނަގާލައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ އިންސާފުން ނޫން ކަމަށާއި ދެ ފަނޑިޔާރުން ވެސް މިނިވަން ކުރައްވާނެ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބޫ ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު އައްޑޫ މީދޫއަށް ވަޑައިގެން އިބޫ ވިދާޅުވީ، ދެ ފަނޑިޔާރުން ހައްޔަރުކޮށްގެން "އަނިޔާ ދެމުންދަނީ" ބޭއިންސާފުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރަކީ އެކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރެއް ކަމަށާއި އެ އަމުރު ތަންފީޒު ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އިބޫ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް ރައީސުލް ޖުމުހޫރިއްޔާ ވަނީ ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކޮށް، އަދި ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.

ދެ ބޭފުޅުން ފަނޑިޔާރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމަށް ސާބިތުވާ ކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް ހެއްކެއް އެކަމާ ގުޅޭ ގޮތުން ދެއްކިފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.