Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ނުހައްގުން އަނިޔާ ލިބެމުންދާ އާއިލާތަކުގެ ހައްގުގައި އިބޫ އަށް ވޯޓު ދެއްވާ: ނަސްރީނާ

ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާ އަދި މި ދިވެހި ރާއްޖޭގައި ނުހައްގުން ޖަލަށް ލެވި ނުވަތަ ބޭރަށް އަރުވާލެވިގެން ތިއްބެވި ކޮންމެ އާއިލާއެއްގެ ހައްގުގައި، އެބޭފުޅުންނަށް އިންސާފު ހޯއްދަވައި ދެއްވުމަށް އަންނަ އާދިއްތަ ދުވަހު ބޭއްވޭ ރިޔާސީ އިންތިޚާބުގައި، އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް، ދިވެހި އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ނަސްރީނާ މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫން މިގައުމަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ނުވަތަ ކުށެއް ކޮށްފައިވާ ކަމަށް ގަބޫލުކުރާ އެއްވެސް ދިވެހި ރައްޔިތަކު ނެތް ކަމަށެވެ. ނަމަވެސް އެމަނިކުފާނު އުމުރުފުޅުން ދުވަސްވެފައިވަނިކޮށް، އަދި އާލާސްކަންފުޅަކާ އެކު ހުންނަވަނިކޮށް ޖަލުގައި ބަންދުކޮށްފައިވާތާ އަށް މަސް ދުވަސް ވެފައިވާ ކަމަށެވެ.

މުޅި ރޯދަ މަހާއި، ދެ އީދު ދުވަހާއި ހިޖުރީ އާއަހަރު ފެށިގެން ވެސް އެމަނިކުފާނު ހުންނެވީ ޖަލުގައި ކަމަށާއި އެމަނިކުފާނުގެ އާލާސްކަންފުޅުގެ ސަބަބުން އެމަނިކުފާނުގެ އާއިލާގެ އަރިހުގައި ހުންނަވަން ޖެހޭ ކަމަށް ޑޮކްޓަރުން ލިޔުންވެސް ދެއްވާފައިވާއިރު އެމަނިކުފާނު ޖަލު ބަންދުން މިނިވަން ކޮށްފައިނުވާކަން މި މެސެޖުގައި ފާހަގަކޮށްފައިވެއެވެ.

އަދި އެމަނިކުފާނު ގޭބަންދަށް ދޫކޮށްދެއްވުމަށް ޑޮކްޓަރުންގެ ލިޔުމާއެކު ސިޓީ ހުށަނާޅާ ކަމާ ބެހޭ އެއްވެސް އިދާރާއެއް ނެތް ކަމަށާއި އެހެން ނަމަވެސް އެއިން އެއްވެސް އިދާރާއަކުން އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް ވެސް ނަސްރީނާ ވިދާޅުވެފައިވެއެވެ.

އަދި މި އަނިޔާއާ ބޭއިންސާފަކީ ދިވެހި އެތައް އާއިލާއެއް ތަޙައްމަލް ކުރަމުންދާ ކަމެއް ކަމަށާއި އެހުރިހާ ބޭފުޅުންގެ ހައްގުގައި އެންމެ ބޭފުޅުން ސެޕްޓެމްބަރު 23 ވަނަ ދުވަހު ހެނދުނު ހެނދުނާ ވޯޓު ލުމަށް ވަޑައިގެން ކެންޑިޑޭޓް ނަމްބަރު 2، އިބްރާޙިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަކީ އެކަމަނާގެ ވަރަށް ބޮޑު އިލްތިމާސްއެއް ކަމަށް ވިދާޅުވިއެވެ.