ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބޫ ސޯލިހް އަދި ރަނިންމޭޓް ފައިސަލް ނަސީމްގެ ޖަޒީރާ ކެމްޕޭނުގެ ފަހު މަންޒިލް، އައްޑޫ ސިޓީއަށް ވަޑައިގަތުމުން މިއަދު އައްޑޫ ރައްޔިތުން އިބޫއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އިބޫ ވަނީ މިއަދު މެންދުރު އައްޑުއަށް ވަޑައިގެން ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ. އަދި ރޭ ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެސިޓީގައި އިއްތިހާދުގެ ބޮޑު ޖަލްސާއެއް ވަނީ ބާއްވާފައެވެ.
އިބޫ ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް މިރޭ ހިތަދޫ ބަނދަރު ސަރަހައްދު އަތިރިމަތީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިބޫ ރިޔާސީ ކެމްޕޭނު ފެއްޓެވީ ވެސް އައްޑޫ ސިޓީ އިން ކަން ފާހަގަކޮށްލެވެއެވެ. އައްޑޫ އިން އޮގަސްޓު މަހު އިބޫ ވަޑައިގެންނެވުމުން ވެސް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.