އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ، އިންތިޚާބީ ޝަކުވާގެ މައްސަލަތައް، އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ވެސް ހައި ކޯޓަށް ހުށަހެޅޭ ގޮތަށް އެ ކޯޓުން ހަމަޖައްސައިފި އެވެ.
ހައި ކޯޓުން މިއަދު ބުނީ އިންތިޚާބޫ ޝަކުވާތަކަށް 22 ސެޕްޓެމްބަރ 2018 ވާ ހޮނިހިރު ދުވަހު މެންދުރު ފަހު 14:00 އިން ރޭގަނޑު 22:30 އަށް އަދި، 23 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ ހެނދުނު 8:00 އިން އެރޭ ރޭގަނޑު 12:00 އަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރޭޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ.
އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތައް، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ނުވަތަ، ސިޔާސީ ޕާޓީއަކަށް، އޮބްޒަރވަރަކަށް މޮނިޓަރ ކުރާ މީހަކަށް ނޫންނަމަ އިންތިޚާބާ ބެހޭ ކަންކަން ހިންގައި ބަލަހައްޓާ މީހަކަށްވެސް ހައިކޯޓަށް ހުށަހެޅިދާނެއެވެ. އިންތީޚާބީ މައްސަލަތައް ހުށަހަޅާނީ އިންތިޚާބީ ޝަކުވާގެ މައްސަލަތަށް ހުށަހަޅާ ފޯމުންނެވެ.
ހައި ކޯޓުން ބުނީ ކޯޓު ހުޅުވާފައި ހުންނަ ރަސްމީ ގަޑި ފިޔަވައި އެހެން ގަޑިއެއްގައި މައްސަލައެއް ހުށަހަޅާ ނަމަ، ހައިކޯޓުގެ ރެޖިސްޓްރޭޝަނާއި ގުޅައިގެން އެކަން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
އަދި އިންތިޚާބީ މައްސަލަތަކާއި ގުޅިގެން ހައިކޯޓާ މުޢާމަލާތު ކުރުމަށް [email protected] އަށް އީމެއިލް ކުރުމުން ހައިކޯޓުގެ ފަރާތުން އެ ފަރާތަކާއި ގުޅާ، އެކަން އޮތްގޮތެއް ސާފުކޮށްދޭނެ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.
އިންތިޚާބީ މައްސަލަތައް ހުށަހެޅުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ ކަމަކީ، ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް، މައްސަލައިގެ ލިޔުންތަކާއި އެކު މައްސަލަ ހުށަހެޅުން ކަމަށާއި، އެގޮތުން މައްސަލަ ހުށަހަޅާ ސަބަބާއި، އެކަމުގެ ތަފްސީލް އަދި މައްސަލައާއި ގުޅޭ ހެކިތައް ހުށަހެޅުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށްވެސް ހައި ކޯޓުން ބުނެއެވެ.
އިންތިޚާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ. އަދި ރަސްމީ ނަތީޖާ އިޢުލާން ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިޚާބީ ހުރިހާ މައްސަލައެއް ބަލާ ނިންމަން ޖެހެއެވެ.
އިންތިޚާބީ މައްސަލަތައް ހުށަހަޅާ ފޯމްތައް، ހައިކޯޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.