ފައިސާ ނުދެއްކި ގިނަ ދުވަސް ވުމުގެ ސަބަބުން ދިގު މުއްދަތަކަށް އަރާފައިވާ ޖޫރިމަނާ އާންމު ފަރާތްތަކަށް މާފުކޮށްދިނުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެފަދަ ލުއިފަސޭހަ ގޮތްތައް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް އެކަށައެޅުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.
އެހެންކަމުން މި ނިންމުމަކީ ސަރުކާރުގެ ޕޮލިސީގެ ތެރެއިން ރައްޔިތުންނަށް ލިބެންހުރި ފަސޭހަތައް ދެނެގަނެ، ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް އުޅުމުގެ މަގުފަހި ކޮށްދިނުމަށްޓަކައި ސަރުކާރުގެ ލަފާއާއެކު އެކަށައެޅިފައިވާ ނިންމުމެއް ކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ.
އަދި އެޗްޑީސީ އިން ބުނީ މީގެ ސަބަބުން، ތަފާތު ދަތިތައް މެދުވެރިވެގެން ފައިސާ ނުދެއްކި އަރާފައިވާ ޖޫރިމަނާ، އެފަދަ ރައްޔިތުންނަށް މާފުކުރެވި، ބާކީ ދައްކަން ހުރި ފައިސާ ދެއްކޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.