އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނާކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު އަދި އެ ޤާނޫނުގެ ދަށުން އެކުލަވާލާ ތަންފީޒު ކުރަމުންދާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާއިދު"ގައި ކަނޑައަޅާފައިވާ ފަދައިން، އިންތިޚާބުތަކުގައި ވޯޓުލުމުގެ ކަންތައްތައް އިންތިޒާމު ކުރެވިފައިވާ ސަރަޙައްދުތަކާއި އެތަންތަނަށް ވަދެ ނުކުމެވޭ ދޮރު ނުވަތަ ދޮރޯށިތަކުގެ ކުރިމައްޗާއި، ވޯޓުލާން ކިއޫ ހަދައިގެން ނުވަތަ އެހެންގޮތަކަށް ވިޔަސް މަޑުކޮށްގެން ތިބޭ އެންމެހާ ތަންތަނާއި ސަރަޙައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެއް ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ކަންތައް ކުރިއަށްދާއިރު، ހުރިހާ ފަރާތްތަކުން އެކަމަށް އިހްތިރާމްކޮށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ވޯޓުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމުގައި ޝާމިލްވާ އިދާރާތަކާއި އޮފިޝަލުންވެސް، ވޯޓުލާ ސަރަޙައްދުތަކާއި ތަންތަނަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ތަންތަން ނުވަތަ ސަރަޙައްދުތަކެއްކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކެއް އެޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.