24 ސެޕްޓެމްބަރު 2018 ވާ ހޯމަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ބަންދުކުރާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ އާއި ހަވާލާދީ "ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި ސްކޫލްތައް ބަންދުކުރުމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށާއި ނަމަވެސް ހޯމަ ދުވަހު ސްކޫލްތައް ބަންދު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އަދި އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެކަން އަންގާފައިވާ ކަމަށްވެސް މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ހޯމަ ދުވަހު ސްކޫލްތަކުގައި ދަރިވަރުންގެ ކިޔެވުން ބަންދު ކުރި ނަމަވެސް ސަރުކާރު ބަންދު ނޫން ކަމަށާއި، އެދުވަހަކީ ސަރުކާރުގެ އޮފީސްތަކަށް ރަސްމީ ދުވަހެއް ކަމަށެވެ.
އަންނަ ހޯމަ ދުވަހު ސްކޫލުތައް ބަންދު ކުރަން ނިންމީ، އާދިއްތަ ދުވަހު ރިޔާސީ އިންތިޚާބު އޮންނާތީ، ގިނަ ރަށްތަކުގަ އާއި މާލޭގައި ވޯޓު ފޮށިތައް ބަހައްޓައި، ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ސްކޫލުތަކުގައި ކަމަށް ވާތީ ކަމަށްވެސް މުއާޒު ވިދާޅުވި އެވެ.
އަންނަ ހޯމަ ދުވަސް އެއީ ސަރުކާރު ބަންދު ދުވަހެއް ނޫން ނަމަވެސް ވޯޓުލާ ދުވަސް ކަމަށްވާ އަންނަ އަދިއްތަ ދުވަސް އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
އަންނަ އާދިއްތަ ދުވަހު ރިޔާސީ އިންތިހާބު އޮންނައިރު އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި 472 ވޯޓު ފޮށި ބަހައްޓާއިރު، ޖުމްލަ 262،135 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.