މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެއަށް ހަމަވިއިރު، އެ މުއްދަތުގެ ތެރޭގައި ޖުމްލަ 31 ހުށަހެޅުން ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު އަށް ދާއިރާއަކުން ދޭން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އިޖުތިމާއީ އާއި ސިޔާސީ އާއި ޝަރުއީ އަދި ޤާނޫނީ ދާއިރާ ގެ އިތުރުން ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އާއި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ އަދި ފީޗަރ ލިޔުމުގެ ދާއިރާ ހިމެނެއެވެ.
މީގެ އިތުރުން، އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމާއި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މޯލްޑިވްސް މީިޑިއާ ކައުންސިލުން ބުނީ މި ފަހަރުގެ ނޫސްވެރިކަމުގެ އިނާމަށް އެންމެ ގިނަ ނޫސްވެރިން ކުރިމަތިލާފައިވަނީ އިޖުތިމާއީ އަދި ސިޔާސީ ދާއިރާއަށް ކަމަށާއި، އިޖުތިމާއީ ދާއިރާއަށް ހަ ހުށަހެޅުމެއް ލިބިފައިވާއިރު، ސިޔާސީ ދާއިރާއަށް ހަ ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.
ދެން އެންމެ ގިނައިން ކުރިމަތިލާފައިވަނީ ވިޔަފާރި އަދި އިގުތިސޯދީ ދާއިރާއަށެވެ. އެ ދާއިރާއަށް ފަސް ނޫސްވެރިޔަކު ކުރިމަތިލާފައިވެ އެވެ.
ޝަރުއީ ދާއިރާއަށް ދެ ނޫސްވެރިން ކުރިމަތިލީއިރު، ކުޅިވަރު ދާއިރާއަށް ވެސް ކުރިމަތިލީ ދެ ނޫސްވެރިންނެވެ.
ފޮޓޯ ޖާނަލިޒަމްގެ އިނާމަށް ތިން ނޫސްވެރިން ކުރިމަތިލީއިރު، ވީޑިއޯ ޖާނަލިޒަމްގެ އިނާމަށް ދެ ނޫސްވެރިޔަކު އަދި އެންމެ އުއްމީދީ ނޫސްވެރިޔާއަށް ކުރިމަތިލާފައިވަނީ އެންމެ މީޑިއާކުންނެވެ.