ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މެޑިކަލް ޔުނިޓެއް ޤާއިމްކޮށްފިއެވެ.
ފިޔަވަތީގައި އެކަމަށްޓަކައި ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގައި މެޑިކަލް ޔުނިޓު ރަސްމީކޮށް ހުޅުވައިދެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދީ، އެ ކުދިންގެ ސިއްޙަތާއި ދުޅަހެޔޮ ކަމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.
އަދި މިފަދަ މެޑިކަލް ޔުނިޓެއް ފިޔަވަތީގައި ގާއިމުކުރެވިގެންދިޔުމަކީ، މި ދާއިރާއިން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
މެޑިކަލް ޔުނިޓުގައި ނަރުހުން ޑިއުޓީގެ އުސޫލުން ޚިދުމަތްދެއްވަމުން ގެންދާނެއެވެ. އަދި އާންމު ބަލިތަކާއި، އެނދުމަތިކޮށް ގެންދެވޭ ފަރުވާއާއި، ހެލްތު ސްކްރީނިން ހެދުމަށް ބޭނުންވާ ވަސީލަތްތައް މި ޔުނިޓުގައި ވަނީ ޤާއިމްކޮށްފައެވެ.
އަދި މި މެޑިކަލް ޔުނިޓުން އައިވީއާއި، ބޭސްއެޅުމާއި، ބައެއް ޑަކްޓަރީބޭހުގެ ޚިދުމަތް ވެސް ހުންނާނެއެވެ. މީގެ ކުރިން، މިފަދަ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔައީ ފިޔަވަތީގައި ޤާއިމް ކުރެވިފައިވާ މެޑިކަލް ރޫމަކުންނެވެ.
ފިޔަވަތީގައި މި ވަގުތު 12 އަހަރުން ދަށުގެ ޖުމުލަ 91 ކުދިން ދިރިއުޅެމުންދެއެވެ.