ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިން މޭޓް، ފައިސަލް ނަސީމް އަށް ތާއީދު ހޯއްދެވުމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން، މެޑަމް ނަސްރީނާ އިބްރާހިމް މިއަދު ހަވީރު އައްޑޫ ސިޓީ އަށް ފުރާވަޑައިގެންފި އެވެ.
އިދިކޮޅު އިއްތިހާދުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް މެޑަމް ނަސްރީނާ ސީދާގޮތުން ފެނިގެންގޮސްފައިނުވާއިރު، ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ޖަލްސާގެ ގޮތުގައި މިރޭ އައްޑޫ ސިޓީގައި ބާއްވާ ޖަލްސާގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ގުޅިފައިވާ އިއްތިހާދުން، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުތައް ނިންމާލާ ފަހު ޖަލްސާ އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިބޫ އާއި ފައިސަލް ވެސް މިހާރު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފަ އެވެ.
މެޑަމް ނަސްރީނާ ކެމްޕޭން ހަރަކާތަށް ނިކުންނެވިއިރު، އެކަމަނާ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވާ ދިވެހި ރައްޔިތުންނަށް އިލްތިމާސްއެއްވެސް ފޮނުއްވާފަ އެވެ.
ނަސްރީނާ މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫން މިގައުމަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ނުވަތަ ކުށެއް ކޮށްފައިވާ ކަމަށް ގަބޫލުކުރާ އެއްވެސް ދިވެހި ރައްޔިތަކު ނެތް ކަމަށެވެ. ނަމަވެސް އެމަނިކުފާނު އުމުރުފުޅުން ދުވަސްވެފައިވަނިކޮށް، އަދި އާލާސްކަންފުޅަކާ އެކު ހުންނަވަނިކޮށް ޖަލުގައި ބަންދުކޮށްފައިވާތާ އަށް މަސް ދުވަސް ވެފައިވާ ކަމަށެވެ.
މުޅި ރޯދަ މަހާއި، ދެ އީދު ދުވަހާއި ހިޖުރީ އާއަހަރު ފެށިގެން ވެސް އެމަނިކުފާނު ހުންނެވީ ޖަލުގައި ކަމަށާއި އެމަނިކުފާނުގެ އާލާސްކަންފުޅުގެ ސަބަބުން އެމަނިކުފާނުގެ އާއިލާގެ އަރިހުގައި ހުންނަވަން ޖެހޭ ކަމަށް ޑޮކްޓަރުން ލިޔުންވެސް ދެއްވާފައިވާއިރު އެމަނިކުފާނު ޖަލު ބަންދުން މިނިވަން ކޮށްފައިނުވާކަން މި މެސެޖުގައި ފާހަގަކޮށްފައިވެއެވެ.
އަދި އެމަނިކުފާނު ގޭބަންދަށް ދޫކޮށްދެއްވުމަށް ޑޮކްޓަރުންގެ ލިޔުމާއެކު ސިޓީ ހުށަނާޅާ ކަމާ ބެހޭ އެއްވެސް އިދާރާއެއް ނެތް ކަމަށާއި އެހެން ނަމަވެސް އެއިން އެއްވެސް އިދާރާއަކުން އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް ވެސް ނަސްރީނާ ވިދާޅުވެފައިވެއެވެ.
އަދި މި އަނިޔާއާ ބޭއިންސާފަކީ ދިވެހި އެތައް އާއިލާއެއް ތަޙައްމަލް ކުރަމުންދާ ކަމެއް ކަމަށާއި އެހުރިހާ ބޭފުޅުންގެ ހައްގުގައި އެންމެ ބޭފުޅުން ސެޕްޓެމްބަރު 23 ވަނަ ދުވަހު ހެނދުނު ހެނދުނާ ވޯޓު ލުމަށް ވަޑައިގެން ކެންޑިޑޭޓް ނަމްބަރު 2، އިބްރާޙިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަކީ އެކަމަނާގެ ވަރަށް ބޮޑު އިލްތިމާސްއެއް ކަމަށް ވިދާޅުވިއެވެ.