ސައިފް އަލީ ހާންގެ ޕްރޮޑަކްޝަން ހައުސް އިލޫމިނަތީ ފިލްމްސް އިން އަލަށް ފަށާ ފިލްމްގެ ތަރިންނަށް ސައިފް އާއި އިލިއާނާ ޑި ކްރޫޒް ހަމަޖައްސައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ލޮސްއެންޖަލިސްގައި މަންޒަރުތައް ނަގާ "ހެޕީ އެންޑިން" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ. މިއީ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ރާޖް ނިދިމޯރް އާއި ކްރިޝްނާ ޑީކޭ ޑައިރެކްޓް ކުރާ ފިލްމެކެވެ.
އެ ދެ މީހުންނަކީ މިހާރު ސިނާމަތަކުގައި ދައްކަމުން އަންނަ ސައިފް ޕްރޮޑިއުސްކޮށް އޭނާ މުހިއްމު ރޯލެއް ވެސް އަދާކޮށްފައިވާ އިންޑިއާގެ ފުރަތަމަ ޒޮމްބީ ފިލްމް "ގޯ ގޯއާ ގޯން" ގެ ޑައިރެކްޓަރުންނެވެ.
"ރަންބީރު ކަޕޫރާ އެކު "ބަރްފީ" އިން ބޮލީވުޑަށް ތައާރަފްވި އިލިއާނާއަކީ އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގައި ނުފޫޒް ގަދަ ބަތަލާއެކެވެ.
އޭނާގެ ދެން އެންމެ އަވަހަށް ރިލީޒް ވާނެ ހިންދީ ފިލްމަކީ ޝާހިދު ކަޕޫރާ އެކު ކުޅޭ ރާޖް ކުމާރް ސަންތޯޝީގެ "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" އެވެ.
ސައިފަކީ ކާމިޔާބް ލޯބީގެ ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި "ކޮކްޓެއިލް"، "ސަލާމް ނަމަސްތޭ"، "ކަލް ހޯ ނަ ހޯ"، "ލަވް އާޖް ކަލް" އަދި "ހަމްތުމް" ފަދަ ފިލްމްތައް ފާހަގަކޮށްލެވެ އެވެ.