އއ.ސަފާރީ އައިލެންޑް ރިސޯޓު (މުށިމަސްގަލި) އިން މާލެ ދަތުރުކުރަމުންދިޔަ "މިންވަރު" ނަމަކަށް ކިޔާ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ފަށައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 21:28 ހާއިރު ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުން ބުނެއެވެ.
އެމްއެންޑީއެފުން ބުނާ ގޮތުގައި ގެއްލުނު މީހާއާއެކު އެ ދޯނިން 3 މީހަކު ދަތުރުކުރި ކުރިއެވެ.، އޭގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މިހާދިސާގައި ކަނޑަށް ވެއްޓި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނަކަށް ހުރި ށ.ބިލެތްފަހި / ކްރެސްޓް، އުމުރުން 25 އަހަރުގެ ޢަލީ ފައުޒާން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ކަނޑަށް ވެއްޓުނުއިރު އޭނާ ލައިގެންހުރީ ކަޅުކުލައިގެ ހެދުމެއް ކަމަށާއި، އޭނާގެ އިސްކޮޅުގައި ގާތްގަނޑަކަށް 5 ފޫޓް ހުންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކޮށްފައި ވެއެވެ.
ގެއްލުނުމީހާ ހޯދުމުގެ މަސައްކަތުގައި ސިފައިންގެ ޑައިވަރުންނާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު އެ ސަރަޙައްދުގައި މިހާރުދަނީ ހަރަކާތްތެރިވަމުން ކަމަށާއި، ގެއްލުނު މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ވީ އެންމެ އަވަހަށް އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭގުޅޭ ނަންބަރު 191 އަށް ގުޅައި އަންގައިދިނުމަށްވެސް އެދިފައި ވެއެވެ.