Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

"ހިޔާ" މަޝްރޫއުއަށް ފޯމްލާ އެންމެންނަށް ފްލެޓް ދެނީ

ރޭގެ ޖަލްސާގައި ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ - ފޮޓޯ: ޗެނަލް 13

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ "ހިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ "ހިޔާ އެކޮމްޕްލިޝްޑް"ގެ ދަށުން ވިލިމާލެ 2 ތަރައްޤީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ފޯމު ހުށަހަޅާ އެންމެނަށް ފްލެޓް ދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށާއި، އެއްވެސް މީހަކު ބާކީ ނުކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 30 ވަނަ ދުވަހަށް ހަމަވާއިރު، މިހާތަނަށް 18،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވެ އެވެ.

މިރޭގެ ހަފްލާގައި ހައުސިން މިނިސްޓަރު ވަނީ ވިލިމާލޭ 2 މަޝްރޫއާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. ބަލާނީ ވަރަށް މަދު ޝަރުތުތަކަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލިމާލޭ 2 މަޝްރޫޢާ ބެހޭގޮތުން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެގޮތުން ވިލިމާލޭ 2 އިން ފްލެޓާއި ގޯތި ދޫކުރާއިރު އޮންނާނީ އެންމެ ދެ ޝަރުތު ކަމަށާއި، އެ މީހަކަށް 18 އަހަރު ފުރިފައިވުން އަދި 1000 އަކަފޫޓަށް ވުރެ ބޮޑު ބޯހިޔާވަހި ކަމެއް އޭނާގެ އަމިއްލަ ނަމުގައި ނެތުން ކަމަށެވެ.

އަދި ހުޅުމާލޭ ދެ ވަނަ ފިޔަވަހި އަދި ވިލިމާލެ 2 ނިމުމުން ގެދޮރު ބޭނުންވާ ހުރިހާ މީހުންނަށް ވެސް ބޯހިޔާވަހިކަން ލިބޭނެ ކަމަށާއި، އެއިރުން ބޭނުންވާ މީހަކަށް އެންމެ ގެއެއް ނުވަތަ ފްލެޓެއްގެ އިތުރުން ވެސް ގިނަ ތަންތަން ހޯދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 12 ކެޓަގަރީއަކަށް ބަހާލައިގެން އަޅާ 7000 ފްލެޓު ދޭން ނިންމާފައިވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓާއި 18 އަހާރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި ދަފުތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1044 ފްލެޓެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި ޓީޗަރުންނަށް 625 ފްލެޓާއި އެކަނިވެރި މައިންނާއި ބައިފައިންނަށް 500 ފްލެޓާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓެވެ. މީގެއިތުރުން ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު ފަރާތްތަކާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް 300 ފްލެޓް އަދި މާފަންނު ހުޅަނގުގައި ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް 256 ފްލެޓްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.