Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ފެން ބިލްގެ ޖޫރިމަނާ ވެސް މާފުކޮށްދޭން ނިންމައިފި

އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ރަޝީދު - ފޮޓޯ: ދި އައިލެންޑް ޗީފް

ރިޔާސީ އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ފެން ބިލްތަކަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންނަށް ކަންކަން ލުއި ފަސޭހަ ކޮށްދިނުމަށް ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތީން، ކަސްޓަމަރުންގެ ފެން ބިލުތަކަށް އަރާފައިވާ ޖޫރިމަނާ މަޢާފުކޮށްދިނުމަށް އުސޫލެއް ތަޢާރަފްކުރެވި، އެ އުސޫލަށް ޢަމަލުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ އުސޫލުގެ ދަށުން ކަނޑައެޅިފައިވާ ހާލަތްތަކަށް ރިޢާޔަތްކޮށް، 100% އާއި ހަމައަށް ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ފެން ބިލުތަކުން ޖޫރިމަނާ މަޢާފުވުމުގެ ފުރުސަތު ތަނަސްވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

"އަދި މި ގޮތުން، އެކި ހާލަތްތައް މެދުވެރިވެ، ފެން ބިލްތަކަށް ފައިސާ ނުދެއްކި ގިނަ ދުވަސްވެ، ޖޫރިމަނާ އަރާފައިވާ ފަރާތްތަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަން ފާހަގަކުރަމެވެ،" އެ ބަޔާނުގައި ވެއެވެ.

ފެން ބިލުތަކުގެ ޖޫރިމަނާ މަޢާފުކުރަން ނިންމިއިރު، އިއްޔެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ ހުޅުމާލޭ ފްލެޓްތަކަށް ފައިސާ ނުދެއްކި ގިނަ ދުވަސް ވުމުގެ ސަބަބުން ދިގު މުއްދަތަކަށް އަރާފައިވާ ޖޫރިމަނާ އާންމު ފަރާތްތަކަށް މާފުކޮށްދިނުމަށް ނިންމާފައެވެ.